ފޮރިން މިނިސްޓަރު ހަލީލް އިންޑިއާގައި
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާގެ ވެރިރަށް، ދިއްލީއަށް ވަޑައިގެންފި އެވެ.
ހަލީލަކީ މި ފެށުނު އާ އަހަރު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި ފުރަތަމަ ފޮރިން މިނިސްޓަރެވެ. މިދިޔަ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރަށް އިންޑިއާއިން މަރުހަބާ ދަންނަވާފައި ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގްރަވަލް އެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ހަލީލް ވަނީ ރަސްމީ ދަތުރުތަކުގައި ސަމޯއާ އާއި ސައުދީ އަރަބިއްޔާ އަދި އޮމާނަށް ދަތުރުކުރައްވާފަ އެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ސަމޯއާއަށް ވަޑައިގެންނެވީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދަތުުރުގައި މިނިސްޓަރުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އެ ގައުމަށް ހަލީލް ދަތުރުކުރެއްވީ އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
އޮމާންއަށް މިނިސްޓަރު ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދަތުރަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.
ތިން ދުވަހުގެ ދަތުރުގައި އޮމާނުގެ ފޮރިން މިނިސްޓަރާއި ބޮޑުވަޒީރުގެ ނައިބާ އަދި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ވިޔަފާރި އާއި ފަތުރުވެރިކަމާއި ތައުލީމާއި އިންވެސްޓްމަންޓުގެ ދާއިރާ ހިމެނޭހެން މަޝްވަރާތައް ކުރެއްވި އެވެ. ދަތުރުގެ ތެރެއިން ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާ އާ ނުލާ އޮމާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރާ ގުޅުންހުރި މައުލޫމާތެއް ފޮރިން މިނިސްޓްރީން އަދި އިންޑިއާގެ ސަރުކާރުން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.