ޚަބަރު

އެއްވެސް ރައްކާތެރިކަމެއް ނެތުމުން ނަރުދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެއްވެސް ރައްކާތެރިކަމެއް ނެތުމުން ނަރުދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް / ފޮޓޯ:ނަރުދޫ އެމްވީ

ށ. ނަރުދޫގައި ހަދަން ފެށި އާ ބަނދަރުގެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސްފައިވުމާ އަދި އެ މަސައްކަތުގެ ތެރެއިން ބޭރު ތޮށި ލާފައި ނެތުމުން ހުރަހެއް ނެތި ރާޅުއަރައި، ރަށު ތެރޭގައި ފެންބޮޑުވެއްޖެ އެވެ.

Ads by Sosun Fihaara

އެ ރަށުގެ ބަނދަރުގެ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ 2022 ވަނަ އަހަރު އެވެ. އެއް އަަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ. އެ ރަށުގައި މީގެކުރިން ބޭނުން ކުރަމުން ދިޔަ ބަނދަރުގެ ނެރަށް ގެއްލުންވެ ބޭނުން ނުކުރެވޭވަރު ވަނީ ވެފަ އެވެ.

ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު "ދެން" އަށް މިއަދު ވިދާޅުވީ ބޭނުން ކުރަމުން އައި ބަނދަރު އިންނަނީ ރަށުގެ އުތުރު ފަރާތުގަ އެވެ. އެއީ އިރުވައި މޫސުމުގައި އެންމެ ގޯސްވާ ހިސާބު ކަމަށެވެ. ބަނދަރުގެ ނެރު އިންނަނީ ކަނޑަވަޅި އާ ދިމާލަށް ކަމަށާއި ފައި ކަށީގެ ހިލަތައް އެއްކޮށްފައިބާވާ ކަމަށެވެ. އެހެންވުމުން ބާނިތައް ބޮޑުވެ، ރާޅުތައް އެއްވެެސް ހުރަހެއް އަރައިގެން އަންނަ ކަމަށެވެ.

"އާ ބަނދަރުގައި އެއްވެސް ބްރޭކްވޯޓާއެއް ނެތީމާ، އަންނަ ގޮތަށް ރާޅު އެބައާދޭ. އެއީ މިފަހަރު ފުރުސަތު ބޮޑުވެގެންދާ ކަމަކީ އުދައިގައި،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

މުސްތަރުސިދު ފާހަގަކުރެއްވި ގޮތުގައި ރަށަށް އުދައަރާފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. ދިޔަ ބޮޑުވެ، އުދައިގެ އަސަރު ބޮޑަށް ކުރަން ފެށީ ރޭ މެންދަމު 2:26 ހާއިރު ކަމަށެވެ. އޭގެކުރިން ވެސް ރާޅުއަރަމުން އައި ކަމަށެވެ.

ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރި:

މޫސުން ގޯސްވާ ދުވަސްވަރު އެ ރަށަށް އުދައިގެ އަސަރު މީގެކުރިން ކުރި ނަަމަވެސް މިފަހަރު އުދައިގެ އަސަރު ބޮޑުވީ އަލަށް ހަދަން ފެށި ބަނދަރުގެ މަސައްކަތް ލަސްވުމާ ގުޅިގެން ކަމުގައި ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. މަސައްކަތް ދިގުލައިދާތީ އާއި އުދައިގެ މައްސަލަ އާ ގުޅިގެން ބަނދަރުގެ މަސައްކަތް ފެށިފަހުން ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަަމަށެވެ.

"ހާއްސަކޮށް މިދިޔަ 2 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މާލެ ގޮސް މިނިސްޓްރީއަށް ޒިޔާރަތްކޮށް، އެމްޓީސީސީގެ ސީއީއޯ އާ ބައްދަލުކޮށް، އެކަން ހައްލު ކޮށްދޭން ތަކުރާރުކޮށް އެދުނިން،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެކަމާ އެކު މި ދުވަސްވަރު ބަނދަރު ބޭނުންކުރަން ދަތިވުމުން ކާބޯތަކެއްޗާއި އަސާސީ ބޭނުންތަަކަށް ބޭނުންކުރާ ތަކެތި ގެނައުމުގައި އުދަނގޫތައް ކުރިމަތިވާތީ ހައްލު ހޯދައިދިނުމަށް އެދުނު ކަަމަށެވެ. އެހެންނަމަވެސް އެކަމުގައި ވެސް އަދި ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކުރެއްވި އެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ އުދައިގެ ސަބަބުން 12 ގެއެއްގެ އިންފާރު ތެރެއަށް ލޮނުވަދެފައިވާ ކަމަށެވެ. ލޮނުގެ އަސަރުކޮށް ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށާއި ގޯތިތެރޭގައި ހައްދާފައިވާ ގަސްގަހާގެއްސަށް ގެއްލުން ލިބިފައިވާ ކަަމަށެވެ.

ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަނީ:

ނަރުދޫއަށް އުދައަރައި އެ ރަށުގައި ފެން ބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މުސްތަރުސިދު ވިދާޅުވީ އެމްއެންޑީއެފުން އެ ރަށަށް ގޮސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަަމަށެވެ. އެ ޓީމުގައި 7 މީހުން ހިމެނޭ ފެންހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބޮޑުވެފައިވާ ފެންގަނޑު އަދި ނުހިދޭކަން ފާހަގަކުރެއްވި އެވެ.

އުދައިގެ އަސަރުކޮށް ރަށުތެރޭގައި ފެން ބޮޑުވެފައިވާތީ ފެން ހިންދުމަށް ދެ ޕަމްޕެއްގެ ބޭނުން ދަނީ ކުރަމުންނެވެ. އެއީ އެމްއެންޑީއެފްގެ ޕަމްޕަކާއި ރަށު ކައުންސިލް އިދާރާގެ ޕަމްޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސުން ގޯސްވެ، އުދައިގެ އަސަރު ކުރަމުން ދިއުމާ ގުޅިގެން ވޭތުވެދިޔަ ދެތިން ރެއެއްގައި އުޅެން ޖެހިފައި ވަނީ ނުނިދާ ކަހަލަ ގޮތަކަށް ކަމުގައި ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކަނޑުމަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވިނަމަވެސް ދިޔަ ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުމުގެ ބިރު އަދިވެސް ބޮޑު ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!