ޕާކިސްތާނުގައި ގޮއްވާލި ބޮމެއްގައި 4 މަރުވެ 32 މީހުން ޒަހަމްވެއްޖެ

ޕާކިސްތާނުގެ ބަލޮޗިސްތާން ސަރަހައްދުގެ ތުރްބަތް ސިޓީގައި ގޮއްވާލި ބޮމެއްގައި 4 މަރުވެ 32 މީހުން ޒަހަމްވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު ހިނގި މި ހަމަލާ އަމާޒުކޮށްފައިވަނީ ގްވާދަރުން ކަރާޗީއަށް ދަތުރުކުރަމުންދިޔަ ބަހުގެ ކައިރީގައި ބެހެއްޓިފައި ހުރި އިމްޕްރޮވައިޒްޑް އެކްސޕްލޯސިވް ޑިވައިސް (އައިއީޑީ) އެއްގައި ގޮވައްލުމުން ކަމަށެވެ.
ބަލޮޗިސްތާން ސަރަހައްދުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަސަދް ރަޒާ ވިދާޅުވީ މި ހަމަލާގައި 4 މީހުން މަރުވެފައިވާއިރު، ޒަހަމްވި 32 މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ސީރިއަސް ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އަދި އެއްވެސް ފަރާތަކުން ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
ބަލޮޗިސްތާން ސަރުކާރުން ވަނީ މި ހާދިސާ ކުށްވެރިކޮށްފަ އެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްވެސް އެ ސަރުކާރުން ވަނީ އަންގާފަ އެވެ.
މި ހާދިސާއާ ގުޅުންހުރި ފަރާތްތައް ހޯދުމަށް ތަހްގީގް ފަށާފައިވާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
ނަމަވެސް ބަލޮޗިސްތާން ސަރަހައްދަކީ އެކި ބާވަތުގެ މިލިޓަންޓް ގްރޫޕްތަކުގެ ހަރަކާތްތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.