ހަށިވިއްކުމުގެ ވިޔަފާރިކުރި ދެ މީހަކު ޑީޕޯޓުކޮށްފި
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކޮށްފި އެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އިމިގްރޭޝަން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
"މީގެ ތެރެއިން އެކަކަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިއަ މީހެއް. އަދި ދެ ވަނަ މީހާއަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވާ މީހެއް،"
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެއީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނުންނެވެ.
ހަށިވިއްކުމުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރެހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ދެ އަންހެނަކު ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިބި ފަސް މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހުންނާއި ރަޝިއާ ދެ މީހުން އަދި ޔުގާންޑާ މީހެކެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.