އިންތި ވިދާޅުވަނީ ޑިމޮކްރެޓްގެ ލީޑަރުން ވަކިވީ ހިޔާލުތަފާތުވެގެން ނޫން ކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވަ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުން ވަކިވެވަޑައިގެން، އަލުން އެމްޑީޕީއާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ހިޔާލު ތަފާތު ވެގެން ނޫން ކަމަށް ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް އަލުން ސޮއިކުރީ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް، ނައިބް ރައީސް މުހައްމަދު ޝިފާޒު، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށްލި ސީދާ ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އެހެންވެ އެކި ގޮތް ގޮތަށް އެކި ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
ޑިމޮކްރެޓްސްއިން ބޭއްވި ބައްދަލުވުމުގައި އިންތި ވަނީ އެ ޕާޓީގެ އިސް ބޭފުޅުން ވަކިވީ ހިޔާލު ތަފާތުވެގެން ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
"އެއްވެސް ހިޔާލެއް ތަފާތު ވެގެނެއް ނޫން. އެ ބޭފުޅުންގެ އަމިއްލަ ނިންމުމެއް." އިންތި ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާފުޅުގެ މަތިންތޯ ނޫސްވެރިއަކު ކުރި ސުވާލުކުުރުމުން އިންތި ވިދާޅުވީ ނަޝީދު އަބަދުވެސް ކަންކަމުގައި ލަފާ ދެއްވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ލަފާ ދެއްވަނީ ޕާޓީއަށް ކަމަށާއި ވަކިވަކި ބޭފުޅުންނަށް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީއަކީ މެމްބަޝިޕްގެ ސައްހަކަން އެންމެ އަވަހަށް ކަށަވަރުކުރި ޕާޓީ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ދަނީ މާ ބާރަށް މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި" އިންތި ވިދާޅުވި އެވެ.