ޚަބަރު

ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ދަމަހައްޓައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ: އިމިގްރޭޝަން

ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތައް ގިންތިކުރާ ހެންލީ އިންޑެކްސްގައި ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހިރާއްޖޭގެ ޕާސްޕޯޓް އަނެއްކާވެސް ހިމެނިއްޖެ އެވެ.

Ads by STELCO

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އިން އެއްކޮށްފައިވާ ޑޭޓާތަކުގެ މައްޗަށް ހެންލޭއިން އެކުލަވައިލާފައިވާ މި އަހަރުގެ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ ހިމެނެނީ 53 ވަނާގައި އެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 94 ގައުމަށް ދަތުރުކުރެވެ އެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ ޕާސްޕޯޓް ރޭންކިންގެ 57 ވަނާގައި އެވެ. ފާއިތުވި 19 އަހަރު ތެރޭގައި ރާއްޖޭގެ ޕާސްޕޯޓުގެ ރޭންކިން އެންމެ މަތިވީ 2013 އާއި 2014 ވަނަ އަހަރު އެވެ. އެ ދެ އަހަރު ރާއްޖެ އޮތީ 49 ވަނާގައި އެވެ. އޭގެ ފަހުން ރޭންކިން ގައި ރާއްޖެ އުޅެނީ 53 އާއި 61 އާ ދެމެދު އެވެ. 2021 ވަނަ އަހަރު ރާއްޖޭގެ ޕާސްޕޯޓް ރޭންކިން 66 އަށް ވެއްޓުނެވެ.

މި ސަރަހައްދުގައި ރާއްޖެއާ އެންމެ ގާތަށްވެސް ރޭންކިން ގައި އޮތީ އިންޑިއާ އެވެ. އިންޑިއާ 85 ވަނާގައި އޮތްއިރު، ސްރިލަންކާ އަށް ލިބުނީ ރޭންކިންގެ 96 ވަނަ އެވެ.

ސަރަހައްދުގެ ޕާސްޕޯޓް ރޭންކިން ހިމެނޭގޮތް:

  • ބޫޓާން ހިމެނެނީ ރޭންކިންގެ 90 ވަނާގައި (ވިސާއާ ނުލައި 52 ގައުމަކަށް ދަތުރުކުރެވޭ)
  • ނޭޕާލް ހިމެނެނީ ރޭންކިންގެ 101 ވަނާގައި (ވިސާއާ ނުލައި 39 ގައުމަކަށް ދަތުރުކުރެވޭ)
  • ޕާކިސްތާނު ހިމެނެނީ ރޭންކިންގެ 103 ވަނާގައި (ވިސާއާ ނުލައި 33 ގައުމަކަށް ދަތުރުކުރެވޭ)

ރޭންކިންގެ އެންމެ ކުރީގައި އޮތީ ސިންގަޕޫރު، ޖަޕާން، ފިންލޭންޑް އަދި ފްރާންސުގެ އިތުރުން ޖަރުމަން އެވެ.

ވިސާއާ ނުލައި ސިންގަޕޫރު ޕާސްޕޯޓުގައި 195 ގައުމަކަށް ދަތުރުކުރެވޭއިރު، ޖަޕާނު ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 193 ގައުމަކަށެވެ.

Ads by HDC