ނުބެހޭ ކަންތަކާއި ބެހުން ހުއްޓައިލާނީ ކޮންއިރަކުން ހެއްޔެވެ.؟
މީ މުޖުތަމަޢު ތެރޭގައި އަބަދުވެސް ހިނގަމުން އަންނަ ވަރަށް ނޭދެވޭ އަމަލެކެވެ. އަދި ވަރަށް ގިނަބަޔަކު ފޫހި ވެސް ވާ ކަމެކެވެ. ޚާއްޞަކޮށް ވަރި ކައިވެންޏާއި ގުޅުންހުރި ސުވާލުތަކަކީ ޖަވާބު ދޭން ބޭނުން ނުވާ ސުވާލުތަކެވެ. ކޮންމެ މީހެއްގެ ވެސް އަމިއްލަ ދިރިއުޅުމުގައި ހަމަ އެކަނި އެމީހަކަށް ނޫނީ އެނގެން ބޭނުން ނުވާ އެތައް ވާހަކަތަކެއް ހުންނާނެކަން ޔަޤީނެވެ. މިފަދަ ޒަމާނެއްގައި އަމިއްލަ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް އެންމެންނާއި ޙިއްސާ ކުރުމަކީ ރަނގަޅު ގޮތެއް ވެސް ނޫނެވެ.
ދެން މީހަކާ އިންނަނީ ކޮންއިރަކުންތަ؟ އަދިވެސް ނުވޭތަ މީހަކާ އިންނާކަށް؟ މިފަދަ ސުވާލުތަކަކީ ގިނަ ބަޔަކު އަޑު އަހަން ބޭނުން ނުވާ ފޫހިކުރުވާ ސުވާލުތަކެކެވެ. ވާނީ ވެސް އެހެންނެވެ. އަމިއްލަ ދިރުއުޅުމެވެ. ކޮންމެ މީހަކު ވެސް މީހަކާ އިނދެ ޒަވާޖީ ޙަޔާތެއް ފަށަން ބޭނުން ވާނެއެވެ. އެކަމަކު އެމީހަކު ކައިވެނި ކުރާނެ މީހަކާއި ވަގުތާއި ތަނެއް އެންމެންނަށް އަންގާކަށް ބޭނުމެއް ނުވާނެއެވެ.
އަދި ކައިވެންޏެއް ކުރިޔަސް އެހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އެއާއި އެކު އަނެއްކާ އަނެއް ސުވާލުތަކާއި ކުރިމަތިލާން އެބަޖެއެވެ. ދެން ފަށާނީ ދަރިންގެ ވާހަކައެވެ. ކޮބާ އަދިވެސް ދަރިޔަކު ހޯދާކަށް ނުވޭތަ؟ ހާދަ ދުވަހެކޭ ދަރިއެއް ބޭނުމެއް ނޫންތަ؟ ކިތައް ކުދިންތަ ހޯދާނީ؟ ކޮންމެ ދެމަފިރިއެއް ވެސް ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ދެން އެންމެ ބޭނުން ވާނީ އެ ގުޅުމުގެ ފޮނި މޭވާ ކަމަށްވާ ދަރިންކަން ޔަޤީނެވެ. ދެމަފިރިންގެ ޢާއިލާ ރޭވުމުގެ ތެރެއަށް އެހެން މީހުން ވަންނާކަށް ނުޖެހެއެވެ. ދަރިޔަކު ހޯދަންވީމާ އެނގޭނީ އެ ދެމަފިރިޔަކަށެވެ. އެއީ އެހެން މީހުންނާ ބެހޭ ކަމެއް ނޫނެވެ. މި ފަދަ ސުވާލުތައް ކުރިމަތި ކުރުވާއިރު ވިސްނާލަންވީ ކަމަކީ އިމްތިޙާންނަށް ޓަކައި މާތް ﷲ ބައެއް އިންސާނުން ދަރިން ލިބުމުން މަޙްރޫމު ކުރައްވާފައިވާކަމެވެ. އެ ފަދަ ދެމަފިރިޔަކާ މިފަދަ ސުވާލުތައް ކުރިމަތި ކުރުމުން ހިތަށް ކުރާނެ އަސަރެވެ.
ކޮންމެ އަކަސް މި ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. މީހަކާ ވެސް އިނދެވިދާނެއެވެ. ދަރިޔަކު ވެސް ހޯދި ދާނެއެވެ. އެހެނަސް ސުވާލުތަކަށް ނިމުމެއް ނާންނާނެއެވެ. އެހިސާބުން ދެން ބައެއް މީހުން އަހަން ފަށާނީ ވަރިވާނެ އިރެއްގެ ސުވާލުތަކެވެ. މީހުން ބުނާތީ އަޑު އަހަމެވެ. މަކުނު ފިނދުން ވާ ހުސް ވިޔަސް ބައެއް މީހުންގެ އަނގައިން ބަސް ހުސްނުވާނެއެވެ. އެއީ ހަމަތެދެކެވެ. މި ވަނީ ހަމަ އެހެންނެވެ.
ކޮންމެ މީހަކު ވެސް ވިސްނާލަންވީ ތިމާ ހާމަކުރަން ބޭނުން ނުވާ ދިރިއުޅުމުގެ ކަންކަން ތިމާ ފަދަ އަނެކާ ވެސް ހާމަކުރަން ބޭނުން ނުވާނެ ކަމެވެ. އެހެންވީމާ އަނެކުންގެ ދިރިއުޅުމުގެ ކަންކަމާއި ނުބެހި އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށް ދިއުން މާރަނގަޅު ވާނެއެވެ.