ރޭ ރޯވި އިމާރަތުން ބައެއް ތަޅާލުމުގެ މަސައްކަތް ފަށައިފި

ރޭ ފަތިހު އަލިފާނުގެ ހާދިސާ ހިނގި އިމާރާާތުން ބައެއް ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.
ރޭ ރޯވީ މާލޭގެ މަޖީދީމަގުގައި ހުރި ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަން ހުންނަ މއ. ސްޕްރިން ވިލާގެ އިމާރަތުގަ އެވެ.
އެ ހާދިސާގައި އެ ގުދަން ބަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު އެކްސްގައި ބުނީ އެ ހާދިސާ ހިނގި އިމާރާތާއި އިންވެގެން ހުރި ތަންތަނުގެ ރައްކާތެރިކަމަށްޓަކައި، އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތުން ރޫޅަންޖެހޭ ތަންތަން ރޫޅައި، ތަޅަންޖެހޭ ތަންތަން ތެޅުމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒަފުން މިހާރު ފަށާފައިވާާ ކަމަށެވެެ.
މީގެ ކުރިން ވެސް އަލިފާން ރޯވި ގެތައް އާންމުންގެ ރައްކަލަކަށްޓަކައި ލޯކަލް ގަވާމަންޓް މިނިސްޓްރީން ތަޅާލައިފައިވެ އެވެ.
ރޭ ހިނގި ހާދިސާއާ ގުޅިގެން ކައިރި ގޭގައަށް ވެސް އަސަރުކޮށް ބައެއް ގޭބިސީތަކުގެ މީހުންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އިރު އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.