މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް މަޖިލީހަށް ހުށަހަޅަނީ
ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމް "ދެން" އަށް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އިންޓަނެޓާއި މީޑިއާތައް އެއް މިންގަނޑެއްގައި ރެގިއުލޭޓް ކުރުން ކަމަށެވެ.
މަޖިލީހުގެ ފެށު ދައުރަށް ބިލު ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެ ބިލު ހުށަހަޅަނީ ސޯޝަލް މިޑީއާ ޕްލެޓްފޯމް (އެކްސް، ޓިކޮޓޮކް، އިންސްޓަގްރާމް) ވެސް ރެގިއުލޭޓް ކުރެވޭ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލު ތައްޔާރުކުރަނީ މީޑިއާތަކާއި ސަރުކާރާއި އެހެނިހެން ފަރާތްތަކުގެ އިތުރުން ގުޅުންހުރި ހުރިހާ ފަރާތްތަކުގެ މަސްލަހަތާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ.
ނާޒިމް، އެ ބިލު ހުށަހަޅުއްވަނީ އަމިއްލަ ހައިސިއްޔަތުންނެވެ. ވިދާޅުވީ އެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނޫން ކަމަށެވެ. މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުއްވުމުގެ ކުރިން މީޑިއާތަކުގެ ހިޔާލު ހޯދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ބިލު ތައްޔާރުކުރަނީ އަމިއްލަ ހައިސިއްޔަތުން. ބިލު ހުށަހެޅުމުގެ ކުރިން މީޑިއާތަކާއި ހުރިހާ ސިޔާސީ ޕާޓީތަކާއި ހިއްސާކޮށް ހިޔާލު ހޯދާނަން، ހުށަހަޅާނީ އެ ފީޑްބެކް އާއެކު،" ނާޒިމް ވިދާޅުވި އެވެ.
މީޑިއާތަކާ ބެހޭ ބިލެއް ހުށަހަޅުއްވަން ނާޒިމް ނިންމެވިއިރު، މީގެކުރިން ވެސް މީޑިއާތަކާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެހެންނަމަވެސް އެކަމުގައި އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން މެންބަރު ވަނީ ބިލު އަނބުރާ ގެންގޮސްފަ އެވެ.