ފްލޭޝްކޯލްސްއަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
އޮތެންޓިކޭޝަންއަށް ބޭނުންކުރާ އޯޓީޕީގެ ބަދަލުގައި މިހާރު ކުރަމުންދާ ފްލޭޝް ކޯލްސްއަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފްލޭޝްކޯލްސް އަކީ އޯޓީޕީއަށް ވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއް ކަމަށެވެ.
އަދި ގިނަ ކުންފުނިތަކުން އެ އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމާ އޮތަންޓިކޭޝަން މިހާރު ބަދަލުކުރަމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ އެ ކޯލަށް ގިނަ ބަޔަކު ހޭލުންތެރި ނޫން ކަމަށެވެ.
އެގޮތުން ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޯޓީޕީ ކޯޑު ހޯދަން ކުރިން ސްކޭމަރުން ބޭނުންކުރި އުކުޅު މިހާރު ބަދަލުުކޮށްފައިވާ ކަމަށެވެ. އަދި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށައިފައިވާ ކަމަށެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަން ދެނެގަނެ ފްލޭސް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް ވާން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.
"އަދި އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރައްވާށެވެ. ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިމާގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެން ވެސް ހެދޭތޯ ފަރުދީ ހައިސިއްޔަތުން މަސައްކަތްކުރަމާ ހިނގާށެވެ." ފުލުހުން އިލްތިމާސްކުރެ އެވެ.