ހަށިވިއްކަން އުޅުނު 4 އަންހެނަކާއި އެ މީހުންގެ އެޖެންޓް އަތުލައިގެންފި
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދިޔަ ހަތަރު އަންހެނަކާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ފިރެހެނަކު އަތުލައިގެންފި އެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފަސް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވިއެޓްނާމަށް ނިސްބަތްވާ ހަތަރު އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އެޖެންޓު އަދި މީގެ ތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުން ދިއައީ ވޯކް ވިސާގައި. މި މައްސަލަތައް އިތުރަށް ތަހްގީގު ކުރުމަށްފަހު، މީގެ ތެރެއިން 1 އަންހެނަކު ވަނީ ޑިޕޯޓުކުރެވިފައި،"
އިތުރަށް ބުނި ގޮތުގައި ބާކީ ތިބި ހަތަރު ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގަ އެވެ.
ހިނގަމުން މިދާ މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ޑީޕޯޓްކޮށްފަ އެވެ.
ހަށިވިއްކުމުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރެހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފަސް ވަނަ ދުވަހު އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ދެ އަންހެނަކު ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިބި ފަސް މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހުންނާއި ރަޝިއާ ދެ މީހުން އަދި ޔުގާންޑާ މީހެކެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.