ސްނޯކްލިންއަށް ގޮސް އުޅުނު މީހާ ހޯދަން ޑްރޯން އުދުއްސާލައިފި

އިފުރު މޯލްޑިވްސްއިން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދުމަށް ޑްރޯން އުދުއްސާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އަންގާރަ ދުވަހު ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ އަފްތާބް ހާން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އިފުރު މޯލްޑިވްސްގައި މަސައްކަތްކުރާ 25 އަހަރުގެ އެ މީހާ މޫދުން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސާޗް އެންޑް ރެސްކިޔު ސެންޓަރު - އުލިގަމް ޕޯސްޓަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 4:41 ހާއިރު ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ފަށާފަ އެވެ.
އެމްއެންޑީއެފުން މިއަދު ވަނީ އިއްޔެ އާ ހަމައަށް އަފްތާބު ހޯދުމަށް ކުރެވުނު މަސައްކަތްތައް ހާމަކޮށްފަ އެވެ. އެގޮތުން،
- ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަ ކްރާފްޓާއި ސީ އެމްބިއުލައިން އަދި ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު ކަނޑުމަގުން 74.18 ސްކެއާ ނޯޓިކަލް މޭލު ބަލާފައި
- ކޯސްޓްގާޑްގެ ޑައިވަރުންނާއި އިފުރު މޯލްޑިވްސް ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާ އެކު ޑައިވްކޮށްގެން 160،718 ސްކެއާ މީޓަރު ވަނީ ބަލާފައި
- ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކެލް ކޮށްގެން 46،814 ސްކެއާ މީޓަރު ބަލާފައި
- ވައިގެމަގުން 213 ސްކެއާ ނޯޓިކަލް މޭލު ވަނީ ބަލާފައި
