ޚަބަރު

ސަމްޕާއަށް ދާ އުޅަނދުތައް ރަޖިސްޓްރީކޮށް، ބުރަފަތީގައި ގާޑު އަޅަން އަންގައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދޯންޏެއްގެ ދަށުން ފެހުރިއްސެއް ދަނީ: ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ވަނީ މަޖުބޫރުކޮށްފައި / ފޮޓޯ:އޯޝަންއާނޯގްރެފިކް މެގަޒިން

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ"، (ސަމްޕާ) ސަރަހައްދަށް ފެހުރިހި ބަލަންދާ އުޅަނދުތައް ރަޖިސްޓްރީކޮށް، އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އަޅުވަން އަންގައިފި އެވެ.

Ads by STELCO

ސަމްޕާއަކީ އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ބޭރު ހުޅަނގު އުރުތުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެވެ. އެ ސަރަހައްދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރު ތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަކުރެވޭ ސަރަހައްދެއް ކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސަމްޕާގައި ހިމެނޭ ގުދުރުތީ ވަސީލަތްތަކާއި ދިރުންތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމާ އަދި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމުގައި އީޕީއޭއިން ފާހަގަކުރި އެވެ.

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގެ މެނޭޖްމަންޓް ޕްލޭންގައިވާ ގޮތުން ފެހުރިހި ބެލުމަށް އެ ސަރަހައްދަށް ފަތުރުވެރިން ގޮވައިގެންދާ އުޅަނދުތަކުގެ ބުރަފަތީގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕްރޮޕެލާ ގާޑު އަޅުވަން ޖެހެ އެވެ. އަދި ޕްލޭނަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އެހެނިހެން އުޅަނދުތަކުން ވެސް ބުރަފަތީގައި ގާޑު ހަރުކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ.

ސަމްޕާ ސަރަހައްދަށް ޑައިވިން އަދި ސްނޯކްލިން ކުރުމުގެ ބޭނުމަށް ވަންނަ އުޅަނދުފަހަރު އެ އެޖެންސީގެ ސަމްޕާ ވެސެލް ރަޖިސްޓްރޭޝަން ހިދުމަތުގެ ތެރެއިން ރަޖިސްޓަކުރަން ޖެހޭނެ ކަމަށް ޕްލޭންގައި ބުނެފައިވެ އެވެ. އުޅަނދުތައް "ވަންގަވް" މެދުވެރިކޮށް ރަޖިސްޓްރީވާން ދީފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ސަމްޕާ ސަރަހައްދުގައި އުޅަނދުތައް ހަރަކާތްތެރިވާއިރު، އުޅަނދުތަކުގެ ދުވެލި ބަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ޕްލޭންގައި ވަނީ ހިމަނާފަ އެވެ. އެގޮތުން:

  • މުޅި ސަރަހައްދުގައި ހުރިހާ ބޭނުމަކަށް ވެސް ދުއްވަން ޖެހޭނީ ގަޑިއަކު 10 ނޮޓަށް ވުރެ މަޑުން
  • ފެހުރިހި ފަދަ ދިރުންތަކުގެ ވަށައިގެން 250 މީޓަރު ނުވަތަ ކޮންޓެކްޓް ޒޯނުގައި ދުއްވަން ވާނީ ގަޑިއަކު 5 ނޮޓަށް ވުރެ މަޑުން
  • ފެހުރިހި ފަދަ ބޮޑެތި ދިރުންތަކުގެ ވަށައިގެން 50 މީޓަރުގައި ދުށްވަން ޖެހޭނީ ގަޑިއަކު 2 ނޮޓަށް ވުރެ މަޑުން
  • ފެހުރިއްސާ 15 މީޓަރަށް ކައިރިވެވުމުން އުޅަނދުގެ ގިޔަރު ނިއުޓްރަލްއަށް ލާން ޖެހޭނެ

އެހެންނަމަވެސް ސަލާމަތީ ހާލަތްތަކުގައި ކޮންޓެކްޓް ޒޯނުން ނުކުތުމަށް ގަޑިއަކު 5 ނޮޓަށް ވުރެ ބާރަށް ދުއްވަން ޖެހޭ ހާލަތުގައި އެ ޒޯނުން ވީހާވެސް އަވަހަށް ނުކުމެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޕްލޭންގައި ބުނީ ފެހުރިހި ފަދަ ދިރުންތަކުގެ ވަށައިގެންވާ 250 މީޓަރުގެ ކޮންޓެކްޓް ޒޯންގައި މޫދަށް އެރި އުޅެވޭނީ ގިނަވެގެން 60 މީހުންނަށް ކަމަށެވެ. އެ ސަރަހައްދުގެ މޫދަށް އެރި އުޅެވޭނީ އެންމެ ކައިރީގައި އޮންނަ 4 އުޅަނދުތަކުންކަން ވެސް ފާހަގަކޮށްފައިވެ އެވެ.