ޚަބަރު

ދައުލަތުގެ ޑޭޓާތައް ރައްކާކުރަން ނޭޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--

ދައުލަތުގެ ޑޭޓާތައް ރައްކާކޮށް ބަލަހައްޓަން ނެޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފި އެވެ.

Ads by STELCO

އެ ނިންމެވުން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ހޯމްލޭންޑް މިނިސްޓަރު ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައިސީޓީ ދާއިރާގެ ހިއްސާ މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައިސީޓީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވާނަންސް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވި އެވެ.

އޭގެ ތެރެއިން ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ ދައުލަތުގެ އިދާރާތަކުގެ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކޮށް ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އާކައިވްގެ ނިޒާމު ހަރުދަނާކުރުމެވެ.

ނެޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރަން ނިންމިއިރު މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި 3 މިނިސްޓްރީއެއްގައި ރޯވެ އެ އޮފީސްތަކުގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ވަނީ އަނދައިފަ އެވެ. އޭގެ އިތުރުން އަލިފާނުގައި މާލޭ ސިޓީ ކައުންސިލުން ހިންގާ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގެ ލިޔުންތަކެއް ވެސް އެނދި އެވެ.

ޓެކްނޮލޮޖީ ގަވާނަންސް ހަރުދަނާކުރުމަށް ނިންމި އިތުރު ނިންމުންތައް

  • ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާާރަފުކޮށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި އިގުތިސާދެއް ބިނާކުރުމަށް ފަހި ގަވަނަންސް އޮނިގަނޑެއް އައިސީޓީ ސެކްޓާގައި ގާއިމުކުރުން.
  • ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާކުރެވޭނެ "އިންޓާ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކޮށް 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
  • ސިޓިޒަން ސެންޓްރިކް ހިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.
  •  އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން.
  • އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީކޮށް ޑިޖިޓަލް ސިގްނޭޗާ ބޭނުންކުރަން ފެށުން.
  • ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، އާ ޓެކްނޯލޮޖީގެ ދާއިރާއިން މީހުން ތަމްރީންކޮށް އަދި މި ދާއިރާގެ ރިސާޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފެއްދުން
  • އައިސީޓީ އަދި އެހެނިހެން ޓެކްނޮލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް އަމަލަކުރަން ނިންމުން.
  • ޓެކްނޮލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސާޗް ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުން.