ޚަބަރު

ގާޒާ އާރާސްތު ކުރަން އަރަބި ގައުމުތަކުން އިސްނެގުމުން ރާއްޖޭން މަރުހަބާ ކިޔައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގާހިރާގައި ކުރިއަށް ދިޔަ "އަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ސައުދީ ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން އައި ހަމަލާތައް ހުއްޓާލަން ނިންމަން ވެފައިވާ އެއްބަސްވުން ދަމަހައްޓައި، ހަމަލާތަކުން ސުންނާފަތިވެފައިވާ ގާޒާ އަލުން އާރާސްތު ކުރުމަށް އަރަބި ގައުމުތަކުން އިސްނެގުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

Ads by STELCO

ގާޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން މިސްރުގެ ވެރިރަށް، ގާހިރާގައި ކުރިއަށް ދިޔަ "އަރަބް ސިކްސް-ޕާޓީ" ގައި އެ ގައުމުގެ އިތުރުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ފަލަސްތީނުގެ ފޮރިން މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވުނު އެ ބައްދަލުވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ ގާޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކުރުމަށް ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެ އެވެ.

"އަދި ގާޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާ ނުލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަލުވިކަމާ އެކު އެޅުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ،"

ގާޒާ އަލުން އާރާސްތު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކުރުން ވަނީ ބަޔާނުގައި ތަކުރާރުކޮށްފަ އެވެ.