ސަރުކާރުގެ ކުންފުނިތަކުގައި 36،753 މުވައްޒަފުން، ފެނަކައިގައި އެކަނި ވެސް 7،045
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖުމްލަ 36،753 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބި ފެނަކަ ކޯޕަރޭޝަނުގައި 7،045 މުވައްޒަފުން ތިބި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީން އާންމުކުރި ހުސްވި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ކުންފުނިތަކުގެ ކުއާޓާލީ ރިވިއު ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 16 ކުންފުންޏަކީ ސެލްފް ސަފިޝެންޓް ނުވަތަ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ކުންފުނިތަކެވެ. އެ ކުންފުނިތަކުގައި 25،203 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.
އަނެއް 14 ކުންފުންޏަކީ ގަވަމެންޓް ފަންޑެޑް ނުވަތަ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގަމުން އަންނަ ކުންފުނިތަކެކެވެ. ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދަނީ 11،550 މުވައްޒަފުންނެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެ ވަނަ ކުއާޓަރުގައި ކުންފުނިތަކަށް 2،698 މުވައްޒަފުން އިތުރުވެފައިވެ އެވެ.
ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ ފެނަކައިގަ އެވެ. އެ ކުންފުނީގައި 7،045 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ. އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެ ކުންފުނީގައި ތިބީ 6،543 މުވައްޒަފުންނެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގަމުންދާ ކުންފުނިތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ގިނަ މުވައްޒަފުން ތިބި ވެމްކޯގައި 2،506 މުވައްޒަފުން އުޅެ އެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދަކީ 2،262 އެވެ.
ނިމުނު އަހަރުގެ ދެ ވަނަ ކުއާޓަރު ނިމުނުއިރު، ފެނަކައަށް ފަހު އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް ހިސާބުތަކުން ދައްކަނީ އެމްޓީސީސީގަ އެވެ. އެ ކުންފުނީގައި 4،762 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.
ދެން އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ އެމްއޭސީއެލްގައި 4،518 މުވައްޒަފުން ތިބެ އެވެ. އެމްޓީސީސީ އާއި އެމްއޭސީއެލްއަކީ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ކުންފުނިތަކެކެވެ.
ކުންފުނިތަކުގެ ކުއާޓާލީ ރިވިއު ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންނަށް އެންމެ ބޮޑު ހޭދައެއް ކުރީ އެމްއޭސީއެލުންނެވެ. އެ ކުންފުނިން 271 މިލިއަން ރުފިޔާ މުވައްޒަފުންގެ ހަރަދަށް ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގަމުންދާ ކުންފުނިތަކުގެ ތެރެއިން އާރުއޭސީއެލުންނާއި އެމްއައިޓީޑީސީން ކަމާ ގުޅުންހުރި ރިޕޯޓު ޕީސީބީއަށް ހުށަހަޅާފައެއް ނުވެ އެވެ.
އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުސާރަ އާ ގުޅޭގޮތުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުން ހިމެނެ އެވެ. ކުންފުނިތަކުގެ ޓެކްނިކަލް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނުހިމެނޭހެން، ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބޭ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނެ މުސާރައަކީ 90،000 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.
އެ ނިންމުމާ ގުޅިގެން ޕީސީބީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖޭން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މުސާރަ އާއި އިނާޔަތްތަކުން 90،000 އަށް ވުރެ އިތުރުވާ ބައި އުނިކުރުމަށް ފަހު ދިނުމަށް ކުންފުނިތަކަށް އަންގާފަ އެވެ.
އެކަމަކު ފެނަކައިގަ ހާދަ ބޭކާރު މުއައްޒަފުންނެއް އަސްލު އެތިބީ ،،އެމީހުންނަށް ކޮންމެވެސް ގޮތެއް ހަދަންވީނުން ސިވިލް ސަރވިސް އަށް ބަހާލަން ވީނު. ނޫނީ ރިޑަންޑެންޓް ކުރަން ވީނުން.