75 އަހަރު ފުރުމާ ދިމާކޮށް ގާސިމްގެ ބަޔޮގްރަފީ އެއް ނެރެނީ
ރާއްޖޭގެ ސިޔާސީ ތާރީހުގައި އެތައް އަހަރުތަކެއް ހޭދަކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޮގްރަފީއެއް ނެރޭ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މާމިގިއްޔަށް އުފަން ގާސިމްގެ ބަޔޮގްރަފީ ނެރެނީ އޭނާ އަށް 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހުގެ 10 ވަނަ ދުވަހު އެވެ. ގާސިމްގެ ބަޔޮގްރަފީ ލިޔެފައިވަނީ މުހައްމަދު ޖަމީލެވެ.
ވިލާ ކުންފުނީގެ ވެރިޔާ ގާސިމް "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ އެ ބަޔޮގްރަފީ ގައި އޭނާގެ ހަޔާތާ ގުޅޭ ގޮތުން މީގެ ކުރިން އާއްމުނުވާ ގިނަ މައުލޫމާތުތަކެއް ހިމެނޭނެ ކަމަށެވެ.
"އަޅުގަނޑުގެ ހަޔާތާ ބެހޭ ގޮތުން، ވަރަށް ގިނަ މީހުންނަށް ނޭނގޭ ވަރަށް ބައިވަރު ވާހަކަ ހުންނާނެ، އަޅުގަނޑުގެ ހަޔާތުގެ 40 ޕަސެންޓުވަރު އަދި ކަވަރުނުކުރެވޭ" ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް، ވިލާ ކުންފުނި އުފެއްދެވީ 1976 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުން ނެންގެވި ލޯނަކުންނެވެ.
ގާސިމް ސިޔާސީ ކަންކަމުގައި އުޅުއްވަން ފެއްޓެވީ 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައިވެސް ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
ޖުމްހޫރީ ޕާޓީ 4 އޯގަސްޓް 2008 ގައި އުފެއްދުމުގެ ކުރިން، ގާސިމް ވަނީ ޑީއާރުޕީގެ ނާއިބު ޒައީމްގެ މަގާމްވެސް ފުރުއްވާފަ އެވެ. ގާސިމް ވަނީ 2008، 2013 އަދި 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބުތަކުގައި ވާދަކުރައްވާފަ އެވެ.
ސޯޅަ އަހަރަށްވުރެ ގިނަދުވަހު ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާ އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ގާސިމް ކުރައްވާފައިވެ އެވެ. އަދި އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފަ އެވެ.
ގާސިމްގެ ހަތަރު އަނބިން ތިއްބަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ.