ވަގު ފޯމުތަކުގެ ތަހުގީގު އަވަސްކޮށްދޭން އީސީން ސީޕީ ގާތު އެދިއްޖެ
ވަގަށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގު އަވަސްކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަރިހުން މިއަދު އެދިއްޖެ އެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ ސީޕީ ޝުޖާއުއާ އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވަގު ފޯމުތަކުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭ ގޮތުން ކަމަށެވެ.
"ފުލުހުން ތަހުގީގުކުރާ މައްސަލަ އަވަސްކޮށްދޭންވެސް އެދިފައިވާނެ" އީސީގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ޒަކަރިއްޔާ ވިދާޅުވި އެވެ.
މައްސަލަ ތަހުގީގުކޮށް ނިމުނުހާ އަވަހަކަށް ތަހުގީގު ރިޕޯޓް އީސީއާ ހިއްސާކުރާނެކަން ސީޕީ ފާހަގަކުރެއްވި ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވީ މިދޭތެރެއިން ވެރިކަންކުރާ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތް ކުރިއަށް ދަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް، އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ތިލަވުމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ، ޕީއެންއެފް، ޑިމޮކްރެޓްސްގެ އިތުރުން އުވާލާފައިވާ ޕީޕީއެމްގެ މެންބަރުންވެސް އެ މީހުންނަށް ނޭނގި ޕީއެންސީގައި ދަފުތަރު ކޮށްފައިވާކަން ފެންމަތިވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި މިދިޔަ ސަރުކާރުގެ އާޓްސް އެންޑް ކަލްޗާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވެސް އޮތީ ޕީއެންސީއަށް ވައްދާފަ އެވެ.
ގާތްގަނޑަކަށް 44 ހާހާ ގާތްކުރާ އަދަދަށް މެންބަރުން ތިބޭ އެމްޑީޕީން ބުނީ އެ ޕާޓީގެ 3،000 މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެމްޑީޕީގެ ލީގަލް ޓީމުން ފުލުހަށްވެސް ދިޔަ އެވެ. ލީގަލް ޓީމުން ބުނީ 96 މީހަކު ވަގަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މެންބަޝިޕް ޑްރައިވް ކުރިއަށް ގެންދިޔައިރު މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އެއްބަސްވެ އެވެ. އަދި އެ މައްސަލަ ޕާޓީން ބަލަމުންދާކަންވެސް ހާމަކޮށްފައިވެ އެވެ.