ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބްރޯޑްކޮމުން ބަލަން ފަށައިފި
ރާއްޖެ ޓީވީން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައި، އެކަން އެ ޓީވީ ސްޓޭޝަނަށް އިއްޔެ އަންގައިފި އެވެ.
ބްރޯޑްކޮމްގެ ލީގަލް އެފެއާޒް ޑިރެކްޓަރު އައިޝަތު ހާދިޔާ މުހައްމަދު ސޮއިކޮށް، ރާއްޖެ ޓީވީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދަނީ ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގެނެސްދިން ކޮންޓެންޓެއް ކަމަށެވެ.
އެއީ "ދިވެހިން ހަމަ ފުނޑިއްޖެޔޭ، މިވަރު ދެން ފުދިއްޖެޔޭ،" ލަވައިގެ ކޮންޓެންޓު ކަމަށް ބްރޯޑްކޮމުން ބުންޏެވެ.
ވަކިގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށް، ބެހެއްޓުމަށް ބްރޯޑްކޮމުން އިލްތިމާސްކޮށްފައިވެ އެވެ.
ބްރޯޑްކޮމްގައި ހިމެނިވަޑައިގަންނަވާ އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީނާއި ކޮމިޝަނުގެ މެމްބަރު އައިމިނަތު ނުޒުހާއަކީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިންނެވެ.
ރާއްޖެ ޓީވީގެ މައްސަލައެއް ބަަލަމުންދާ ކަމަށް ބްރޯޑްކޮމުން ބުނެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. އެ ފައިސާ ހޯދަން ރާއްޖެ ޓީވީން ފަންޑެއް ވެސް ހުޅުވި އެވެ. ބްރޯޑްކޮމުން ފަހުން ވަނީ އެ ޖޫރިމަނާ ބާތިލުކޮށްފަ އެވެ.
ރާއްޖެ ޓީވީގެ ހިއްސާދަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ. އެ ސްޓޭޝަން ހިންގުމާ ހަވާލުވެހުރީ ޑެޕިއުޓީ ސީއޯއޯ ނާޒްމީން ސައީދެވެ.