ހުސްވި މަހު ވޭޕް ބޭނުން ކޮށްގެން 12 މީހަކު ޖޫރިމަނާ ކުރި
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނާ ހިލާފުވެ، ވޭފް ބޭނުން ކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާކޮށްފައިވާ ފުލުހުން ބުނެފި އެވެ.
އެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ހުސްވި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުން ބުނީ ހުސްވި ޖެނުއަރީ މަހު ވޭޕް ބޭނުން ކޮށްގެން 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާކުރީ ޖުމްލަ 70،000 ރުފިޔާއިންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވޭޕް ބޭނުން ކޮށްގެން 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޖޫރިމަނާގެ ޖުމްލަ 60،500 ރުފިޔާއަށް އަރަ އެވެ.
މީގެކުރިން ފުލުހުން ބުނީ، ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕްކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ އެވެ. އެހެންނަމަވެސް ފުލުހުން ވޭޕެއް އަތެއް ނުލާނެ އެވެ.
އަދަބުތައް:
- އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުން - 20,000ރ ޖޫރިމަނާކޮށް, ވިއްކި ކޮންމެ އީ-ސިނގިރެޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000ރ މަގުން ޖޫރިމަނާކުރުން.
- އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ހިލޭ ބެހުން - 10,000ރ ޖޫރިމަނާކުރުން.
- އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ބޭނުންކުރުން - 5،000ރ ޖޫރިމަނާކުރުން.
- އެފަދަ އެއްޗެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ - 10,000ރ ޖޫރިމަނާކުރުމުގެ އިތުރުން އެ ފަރާތެއް 50,000ރ ޖޫރިމަނާކުރުން.