ޚަބަރު

ޕީއެންސީ ޕީޖީ ބައްދަލުވުމުގައި އަބްދުއްރަހީމް ނެތް، އޭގެ ކުރިން ޕީޖީ ލީޑާޝިޕާ ބައްދަލުކުރެއްވި!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޕީއެންސީ ޕީޖީ ގްރޫޕުގެ ބައްދަލުވުން - ފޮޓޯ: މެންބަރު ޝުޖާއު

މާދަމާ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ބާއްވާއިރު އޭގެ ކުރިއަށް ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަތް ކަން އެނގިއްޖެ އެވެ.

Ads by STELCO

ވެރިކަންކުރާ ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ ފޮޓޯތަކެެއް މަޖިލީހުގެ ބައެއް މެންބަރުން އެކްސްގައި ޕޯސްޓް ކުރެއްވި އެވެ. އެ ފޮޓޯތަކުގައި އަބްދުއްރަހީމް ފެންނާކަށް ނެތެވެ.

ޕީޖީ ގްރޫޕުގެ ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވި މެންބަރުންނަކީ:

  • މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
  • ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
  • ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
  • ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

ޕީއެންސީގެ ބައެއް މެންބަރުންނާ ވާހަކަ ދެއްކެވުމުން އެ މެންބަރުން ވެސް ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އެއްވެސް ވަރަކަށް އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އޭގެ ކުރިން ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު، އަބްދުއްރަހީމް ބައްދަލުކުރައްވައި އަންނަ ދައުރު މަޖިލީހުގެ މަސައްކަތް ހިނގާނެ ގޮތާއި މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ޖަލްސާއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.