މީކާއީލުގެ ޕޯސްޓް ޑިލީޓުކުރީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން: ޖޭއެސް
![](https://dhen.mv/wp-content/uploads/2024/05/004-Jamaluddin-school-850x548.jpg)
އެ ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓް ޑިލީޓުކުރީ ކަމާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބުމުން ކަމަށް ޖަމާލުއްދީން ސްކޫލު (ޖޭއެސް) އިން ބުނެފި އެވެ.
ޖޭއެސްއަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އެ ސްކޫލުން ތައުލީމު ހާސިލުކޮށް، ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ ޕްރޮފައިލްސްތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ސްކޫލުން އަންނަނީ އާންމުކުރަމުންނެވެ.
އެގޮތުން އިއްޔެ ހަވީރު ޖޭއެސްއިން ވަނީ އެ ސްކޫލުގެ އެލުމްނާއި މީކާއީލު އެ ސްކޫލުން ކިޔަވައި ވިދާޅުވިއިރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއްކޮށްފަ އެވެ. ނަމަވެސް އެ ސްކޫލުން ފަހުން ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުން ޑިލީޓުކޮށްފަ އެވެ.
އެކަމާ ގުޅިގެން އޭނާގެ ކުރިއެރުން ފާހަގަކޮށް ޖޭއެސްއިން ކުރި ޕޯސްޓް ހިއްސާކޮށް، މީކާއީލު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދަމުން އަންނަކަން ފާހަގަކުރައްވާ ނުރުހުން ފާޅުކުރައްވާފަ އެވެ. ޖޭއެސްއިން ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
![](https://dhen.mv/wp-content/uploads/2024/11/KbAVaCopQvrEotiIqdMeQoUs1wHPeRArom9eEyD7-1024x683.jpg)
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް / ފޮޓޯ:މަޖިލިސް
މީކާއީލުގެ ތުހުމަތުތައް ދޮގުކޮށް، ޖޭއެސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އެ ޕޯސްޓް އާންމުކުރުމަށް ފަހު ޑިލީޓުކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތުދޭ މުއައްސަސާއަކަށް ވާތީ ކަމަށެވެ. އަދި އެކަން ކުރީ މީކާއީލުގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށް ބުނެފައިވެ އެވެ.
".. އަދި އެފަދަ ކަންކަމަކީ މި ސްކޫލުން ގަބޫލުކުރާ އަހްލާގީ މިންގަނޑުން ބޭރު ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުން ދިއުމާ ގުޅިގެންނެވެ،"
އިތުރަށް ބުނި ގޮތުގައި ޕޯސްޓް ޑިލީޓުކޮށްފައި ވަނީ އެލުމްނާއި ޕްރޮފައިލް ކޮމިޓީގެ މަޝްވަރާގެ މަތިން ކަމުގަ އެވެ. ފޭސްބުކާއި އެކްސްއިން ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީން ޕްރެޝަރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކުރި ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ވެސް ޖޭއެސްއިން ބުންޏެވެ.
މީކާއީލާ ގުޅޭގޮތުން ޖޭއެސްއިން ކުރި ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެ ވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި އޭނާ ހިމެނޭކަން ފާހަގަކޮށްފަ އެވެ. ސްކޫލު ދައުރުގައި އޭނާ ހޯއްދެވި ކާމިޔާބީތަކުގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ހުސްވި އަހަރަށް މީކާއީލު ހޯއްދެވި ކުރިއެރުންތަކުގެ އުސްއަލިތަކަށް އަލިއަޅުވާލާފައިވެ އެވެ.