ޚަބަރު

ދެމައިން ނިޔާވުމުގައި އިހުމާލެއް އޮތްތޯ ބަލަން ޖިނާއީ ތަހުގީގެއް ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގއ. ވިލިނގިލީ ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް/ ފޮޓޯ: ގއ. ހޮސްޕިޓަލް

ގއ. ވިލިނގިލިން ފަރުވާ ލިބުން ލަސްވެ، ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ކުރަން ސަރުކާރުން ފުލުހުންނަށް އަންގައިފި އެވެ.

Ads by Hajj Corporation

ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށް ފަހު ބޭނުންވާ ފަރުވާ ލިބުން ލަސްވެ، އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލަ ފެންމަތިވީ އިއްޔެ އެވެ.

އެއާ އެމްބިއުލާންސް ދިޔުން ލަސްވެ، ނިޔާވީ ވިލިނގިލި، ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37އ) އާއި އޭނާގެ ދަރިފުޅެވެ. ޝިއުނާގެ ދަރިފުޅު ނިޔާވީ ބުދަ ދުވަހުގެ ރޭ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

އާއިލާއިން "ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު ބުނީ ރޯގާޖެހި ކެއްސާތީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓްކުރީ އަންގާރަ ދުވަހު ކަމަށެވެ. މެންދަމު 2 ޖެހިއިރު އެޑްމިޓްކުރިއިރު، އޮކްސިޖަން ގުޅީ ހެނދުނު ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެހެންނަމަވެސް އޭރު ވެސް ޑޮކްޓަރަކު އެޓެންޑުނުވާ ކަމަށް ބުނެފައިވެ އެވެ.

"އެހެން ހުއްޓާ ހާލު ބޮޑުވީ، ކުއްލިއަކަށް އޮކްސިޖަން ލެވެލް ދަށްވެގެން ވެންޓިލޭޓަރަށްލީ،" އެ މީހާ ކިޔައިދިނެވެ. ބަނޑަށް 8 މަހުގައި ސިޒޭރިއަން ހަދައިގެން ޝިއުނާގެ ދަރިފުޅު ނެގިއިރު ދެމައިންގެ ހާލު ވެސް ސީރިއަސް އެވެ.

ވާހަކަ ދެއްކި މީހާ ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 7 ޖަހާކަންހާއިރު، އިތުރު ފަރުވާއަށް ދެމައިން މާލެ ގެންދިއުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން އާސަންދައިން އެއާ އެމްބިއުލާންސެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ. ނަމަވެސް ކޫއްޑޫއަށް ދިޔަ ފަހުން ވެސް މާލެ ދެވޭނެ ގޮތެެއް ހަމަނުޖެހި ލަސްތަކެއްވި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ މައުލޫމާތު ދީފައިވެ އެވެ.

އިތުރަށް ބުނެފައިވާ ގޮތުގައި ފުރަން ތައްޔާރުވެފައި އޮތް އެއާ އެމްބިއުލާންސުގައި އެމަޖެންސީގައި ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމުގަ އެވެ.

"ފްލައިޓުގައި ވެންޓިލޭޓަރު ހުރީ ހަލާކުވެފައި. އޮކްސިޖަނެއް ވެސް ނެތް. ފްލައިޓުގައި ދެން ރަންވޭ މަތީގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް 1:30 ގައި. ރަންވޭ މައްޗަށް (ފްލައިޓް) ގައި އަންހެން މީހާ މަރުވީ،" އެ މީހާ ކިޔައިދިނެވެ.

އެ މައްސަލަ އާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުއްތު ކުއްޖާ އާއި އެ ކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން އަންގަވާފައިވާ ކަމަށެވެ.

".. ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާ ނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ފުލުހުންނަށް އަންގާފައި،" އިހްސާން ވިދާޅުވި އެވެ.

ދެމައިންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ކޫއްޑޫން ފުރަން އޮތް އެއާ އެމްބިއުލާންސަށް ނުފުރި ލަސްވި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެ ހަބަރާ ގުޅިގެން މޯލްޑިވިއަނުން ބުނެފައި ވަނީ އެމްބިއުލާންސް އޮޕަރޭޓްކޮށްފައި ވަނީ އިމަޖެންސީގައި ޕޭޝަންޓުންނަށް ފަރުވާ ކުރަން ބޭނުންވާ ހުރިހާ އިކުއިޕްމެންޓަކާ އެކުގައި ކަމަށެވެ.

މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން އަންގާފައިވާއިރު، ހެލްތު މިނިސްޓްރީން ވެސް ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.