އައިޖީއެމްއެޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު މަރުވި މައްސަލައެއް ބަލަނީ

އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހަކު މަރުވި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުން ދަނިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހާ މަރުވީ ރޭގެ ވަގުތެއްގަ އެވެ. އޭނާ ވަޅުލާފައި ވަނީ ފަތިސް ނަމާދަށް ފަހުގަ އެވެ.
އެ މީހާގެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުންގެ ފޮރެންސިކްއިން ސާމްޕަލްތަކެއް ނަގާފައިވާ ކަަމަށް ބުނެ، މަރާ ގުޅޭގޮތުން ނޫސްވެރިއެއް ސުވާލުކުރުމުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ އިދާރާއަށް މައްސަލަ ރިޕޯޓުކުރީ ރޭ 11:30 ހާއިރު ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންގޮސްފައި ވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ.
"ފުލުހުން ބެލި ބެލުމުން، ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް،" މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އާއިލާގެ ފަރާތުން މިހާތަނަށް ތުހުމަތުތަކެއްކޮށް، އެފަދަ ޝަކުވާއެއް އެ އިދާރާ އާ ހިއްސާކޮށްފައި ނުވާ ކަމުގަ އެވެ.
"އެ މީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް އެނދުން ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނު ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވޭ،" ފުލުހުންގެ މެސެޖުގައިވެ އެވެ.
އިތުރަށް ބުނީ އެ މީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައި ވަނީ އެފަދަ މައްސަލައެއް ހުށަހެޅުމުން އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށެވެ.
މައްސަލަ އާ ގުޅޭގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
