ސައުދީއަށް ފަލަސްތީނު މީހުން ފޮނުވާލަން ނަތަންޔާހޫ ދައްކާ ވާހަކަ ކުށްވެރިކޮށްފި
![](https://dhen.mv/wp-content/uploads/2025/02/FB_IMG_1739102919476-850x548.jpg)
ސައުދީ އަރަބިއްޔާގައި ފަލަސްތީނުގެ ރައްޔިތުން ވަޒަންވެރި ކުރުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑރ. ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލުކުރައްވާފަ އެވެ. ޓްރަމްޕް ވަނީ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރެ، އެމެރިކާގެ ބާރުގެ ދަށަށް އެ ބިން ގެންދިއުމުގެ ޕްލޭނެއް ހުށަހަޅުއްވާފަ އެވެ.
އެ ފަހުން އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ ގާޒާ ދޫކޮށްދާން ބޭނުންވާ އާންމުންނަށް އެކަމަށް މަގުފަހިކޮށްދޭން އެ ގައުމުގެ އަސްކަރިއްޔާއަށް އަންގާފަ އެވެ.
އެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން މީގެކުރިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި އާބާދީތައް ގާއިމުކުރުމާއި އެ ގައުމުގެ ބިންތައް ހިފައި، ގާޒާގެ ރައްޔިތުން އެ ބިމުން ނެރުމަށް ކުރާ މަސައްކަތްތައް ކުށްވެރިކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ސައުދީ ސަރަހައްދުގެ ތެރޭގައި ފަލަސްތީނުގެ ވަކި ދައުލަތެއް އުފައްދަން އިޒްރޭލުގެ ބޮޑުވަޒީރު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް އެ ގައުމުން ނިންމި ނިންމުމަށް ރާއްޖޭން ތާއީދުކުރާ ކަމަށެވެ.
ސައުދީގައި ފަލަސްތީނުގެ ރައްޔިތުން ވަޒަންވެރި ކުރުމަކީ އެ ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ހުރަސް އެޅޭ ކަމެއް ކަމަށާ އަދި އެކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ ހިލާފު ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ އެއްގޮތަށް 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ރާއްޖޭން ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކޮށްފަ އެވެ.
އިތުރަށް ބުނި ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރުގެ ހުށަހެޅުމަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމް ނުކުރާކަން އަންގައިދޭ ކަމެއް ކަމެއް ކަމުގަ އެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ހުށަހެޅުމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ގާޒާގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ނެރެ، ކައިރި ގައުމުތަކަށް ބަދަލުކޮށް، އެ ބިމުގައި އެމެރިކާގެ އިންވެސްޓްމެންޓެއް ކުރަން ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އަރަބި ގައުމުތަކުންނާއި ބޮޑެތި ބައެއް ގައުމުތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.