ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އަޅާނުލާ ކަމަށް ބުނެ ކުއްލި މައްސަލައެއް
![](https://dhen.mv/wp-content/uploads/2024/11/KbAVaCopQvrEotiIqdMeQoUs1wHPeRArom9eEyD7-850x548.jpg)
ޓެކްސީ ޑްރައިވަރުންނާ މެދު އަޅާނުލާ ކަމަށާއި އެ މީހުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މީކާއީލު އަހްމަދު ނަސީމެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވަމުން މީކާއީލު ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން އަމަލުކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހުށަހަޅުއްވަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމުގައި ފާހަގަކުރެއްވި އެވެ.
އެ މީހަކު އިހުތިޔާރުކުރާ މަސައްކަތެއް ކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ.
މީކާއީލު ވިދާޅުވީ ޓެކްސީ ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް، ހިދުމަތް ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރަން މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރި އިހުތިޖާޖަށް އިޖާބަދިނުމެއް ނެތި ސަރުކާރުން ފުލުހުން މެދުވެރިކޮށް އިހުތިޖާޖަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެ ރޭ ހުޅުމާލެ ހައިވޭއަށް އަރާ ސަރަހައްދުގައި ސުލްހަވެރިކަމާ އެކު އިހުތިޖާޖުގައި ހަރަކާތްތެރިވަމުންދިޔަ ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް، އެކަމުގައި ބައިވެރިވި ޓެކްސީތަކެއް ޓޯކޮށްފައިވާ ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. އަދި އެކަން ކޮށްފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުރުމާ އަދި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ.
"ސަރުކާރުގެ މި އަމަލުތަކަކީ ޓެކްސީ ޑްރައިވަރުންގެ ކާން ބޯން ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި އެ ފަރާތްތަކުގެ އާމްދަނީއަށް ބަރޯސާވާ އެތައް ހާސް ދިވެހި އާއިލާތަކެއް ހާލުގައި ޖެހޭނެ ކަމެއް ކަމާ މެދު އެއްވެސް ފަރުވާލެއް ނެތި، ކުރަމުންދާ ނޭއްގާނީ އަމަލެއް،"
މީކާއީލު ވިދާޅުވި ގޮތުގައި ސުލްހަވެރި ކަމާ އެކު އިހުތިޖާޖުކުރަމުން ދަނިކޮށް، ޓެކްސީތަކަށް ގެއްލުންވާހެން ޓެކްސީތައް ޓޯކޮށްފައި ވަނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު އަމަލުކުރަމުންދާ ގޮތަށް ކަމުގަ އެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ ޑްރައިވަރުންގެ އަޑު ކަނޑުވާލުމަށް ކަމުގަ އެވެ. އެކަމުގައި ބައިވެރިވި ޑްރައިވަރުން މިނިވަންކޮށް، ޓެކްސީތައް ހަވާލުކުރަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ކުއްލި މައްސަލަ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއީލު ވިދާޅުވީ ޓެކްސީ ޑްރައިވަރުން ބޭއްވި އިހުތިޖާޖާ ގުޅިގެން އެތަނަށް ޓްރާންސްޕޯޓް މިނިސްޓަރު ވަޑައިގެންފައިނުވާ ކަމަށެވެ. ބަދަލުގައި ފޮނުވީ އެސްއޯއީ ފުލުހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވަނީ ސިޔާސަތުތައް އެކުލަވާލުމުގައި ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އިހުތިޖާޖާ ގުޅިގެން ޓޯކުރި ޓެކްސީތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
މީކާއީލު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.