ސައުދުގެ ހުށަހެޅުމަކީ، ކާޑެއްދޫ ވިލާއިން ވަކިކުރުން
![](https://dhen.mv/wp-content/uploads/2025/02/GjfLuMraYAAga4g-850x548.jpeg)
ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ބޮއްސުންލާފައިވާ ކަމަށާއި، އެ އެއާޕޯޓް ތަރައްގީކުރެވެނީ އެއާޕޯޓުގެ ހިންގުން ވިލާ ކުންފުނިން އަތުލައި، ސަރުކާރުގެ ދަށަށް ގެނެސްގޮސްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑެއްދޫ އެއާޕޯޓާ ގުޅޭ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ. މިއަދު ކުރިއަށް ދިޔަ ކޮމިޓީގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެ ސިޓީއާ މެދު މަޝްވަރާކުރުމެވެ.
ކޮމިޓީ ބައްދަލުވުމުގައި ސައުދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ހިނގަމުންދާ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައިނުވާކަން ސިވިލް އޭވިއޭޝަނުން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެކަމަކު އެސެެސްމެންޓެއް ހަދާފައި ނެތަސް އެ އެއާޕޯޓުގެ ކަންކަން އޮތީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.
"މިހާރުވެސް އެސެސްމެންޓެއް ހެދިއްޔާ ފްލައިޓް ޖައްސަން ހުއްދަ ނުދޭ ހިސާބުގައި އެތާގެ [އެެއާޕޯޓް] ގެ ފެންވަރު އޮތީ" އެއާޕޯޓް ބަލަހައްޓާފައިނުވާ ކަމުގެ އެއް މިސާލަކީ ރަންވޭ ކަމަށް ސައުދު ވިދާޅުވި އެވެ. އެގޮތުން ރަންވޭގެ ހާލަތު އޮތީ ކޮންމެ ބަޔަކަށްވެސް ވަދެ ނިކުމެވޭ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"ސިވިލް އޭވިއޭޝަނުން ވިދާޅުވަނީ އާއްމު އުސޫލަކުން ކުރާ ކަމެއް ނޫނޭ [އެސެސްމެންޓް] ހެދުމަކީ، ހާއްސަ އުސޫލަކުންވެސް އެބަ ޖެހޭ އެކަން ބަލަން" ދައުލަތުގެ އެއާޕޯޓެއް ބަޔަކަށް ދޫކޮށްފައިވާއިރު އެކަން ހިނގާ ގޮތް ބެލުމަކީ ދައުލަތުގެ ޒިންމާއަކަށްވާއިރު ކާޑެއްދޫ އެއާޕޯޓުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ. އެއީ ކާޑެއްދޫ އެއާޕޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ދަތުރުކުރާ އެއާޕޯޓަކަށްވާތީ އެވެ.
ސައުދު ވިދާޅުވީ އެއާޕޯޓުގައި މި ފަހުން އޭސީ ބެހެއްޓި ފާރުގައި ތަނުގައި ކުލަލާފައި ނެތުމުން އެ ވާހަކަ އެއާޕޯޓް ހިންގާ ވިލާގެ ޗެއާމަން އަދި މާމިިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާ މަޖިލީހުން ބައްދަލުވެވަޑައިގެން އެ ކަން ހިއްސާކުރި ކަމަށެވެ. އަދި ހައްލުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ހައްލުކޮށްފައިނުވާ ކަމަށެވެ.
"ރައީސް މި ފަހުން ހުވަދޫއަށް ކުރެއްވި ދަތުރާ ހިސާބަށްވެސް އެތަން ރަނގަޅު ނުކުރެވޭ.. އެއާކޯން ނައްޓާފައި ހުރި ހޮޅި އަދިވެސް ހުރީ އެގޮތަށް" ސައުދު ވިދާޅުވީ ވިލާ އިންވެސް އެތަން ހިންގަން މަސައްކަތްކުރާ ކަމަށް ގަބޫލުނުކުރޭ ކަމަށެވެ.
އެއާޕޯޓް ގައި ގިނަ ދުވަސްވި މީހުން ވަޒީފާއިން ކެނޑެމުންގޮސް އެތަނުގައި ތަޖުރިބާކާރު މުވައްޒަފުން މިހާރު ނެތްކަން ފާހަގަކޮށް ސައުދު ސިފަކުރި ގޮތުގައި އެއާޕޯޓުގެ މެނޭޖަރު "ޕްރިންސިޕަލް" އެއްްގެ ގޮތުގަ އެވެ.
"އޭނާ މަސައްކަތްކުރަނީ އެތަނުގައި ތިބި މުވައްޒަފުންނަކީވެސް ކުދިން ކަމަށް ބަލައިގެން. އެގޮތަށް ތަރުބިއްޔަތުކުރަން ބޭނުންވަނީ، ބޮޑެތި މީހުން އެގޮތަށް ތަރުބިއްޔަތު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" ސައުދު ވިދާޅުވީ ޓެކްނިކަލް މުވައްޒަފުންވެސް މާޔުސްވެ ވަޒީފާއިން ވަކިވާން ފަށާފައިވާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް ތަރައްގީވެގެން ދިޔުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޮޑު އުއްމީދެއްކަށްވާއިރު ސައުދު ދެކިވަޑައިގަންނަވާ ގޮތުގައި ވިލާއިން އެތަން އަތުލައިގެން ވިޔަސް މައްސަލައަށް ހައްލު ހޯދަން ޖެހެ އެވެ.
"ވާހަކަ ދައްކައިގެން ވިޔަސް ޝަރީއަތަށް ގޮސްގެން ވިޔަސް އެކަން ކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ" ވިލާއާ އެކު ހަދާފައިވާ އެގްރީމެންޓުގެ ދަށުން 7 އަހަރު ތެރޭގައި އެއާޕޯޓް ތަރައްގީކުރަން ޖެހޭއިރުވެސް ހަވާލުކުރި ވަރަށްވުރެ ވެސް އެތަނުގެ ފެންވަރު ދަށްކަން ތަކުރާރުކޮށް ސައުދު ފާހަގަކުރި އެވެ.
"އެ ބޭފުޅުންވެސް [ވިލާ] ވިސްނުމެއް ނެތް އެތަން ތަރައްގީކުރާކަށް" އޭނާ ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި ނިންމީ އެ މައްސަލާގައި ދެން އޮންނަ ކޮމިޓީ ބައްދަލުވުމަށް ވިލާ އެއާ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހާޒިރުކުރުމަށެވެ. އަދި އެއާޕޯޓާ ގުޅޭ ލިޔުންތައް ކަމާބެހޭ އިދާރާތަކުން ހޯދުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.