ޚަބަރު

މައްސަލަތައް ކެންސަލްވާ ސަބަބުތައް ކޮންމެ ކުއާޓަރަކު ބަލާނަން: ރިޒާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖޭއެސްސީގެ ރައީސް ރިޒާ ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ--

ކޯޓުތަކުގައި ހިނގާ މައްސަލަަތައް ކެންސަލްވާ ސަބަބުތައް ކޮންމެ ތިން މަހަކުން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ގަޟާއީ އަހަރު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒާ ވިދާޅުވީ މިހާރު ގިނަ ބައެއްގެ އުއްމީދަކީ ޝަރުއީ ދާއިރާގެ މައްސަލަތައް އަވަސްވެގެން ދިއުން ކަމަށެވެ.

އަދި ޖޭއެސްސީއަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ މައްސަލަތައް ލަސްވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ރިޒާ ވިދާޅުވި އެވެ.

ނަމަވެސް މިއީ ކޯޓުތަކުން އެކަނި ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމުގައި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ލަސްވާ ސަބަބުތަކުގެ ގޮތުގައި ރިޒާ ފާހަގަކުރެއްވީ ތަފާތު އެކި ސަބަބުތަކާހުރެ ކޯޓުތަކުން މައްސަަލަތައް ކެންސަލްކުރުމެވެ.

އޭގެ ތެރޭގައި 

  • ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ނޫނީ ބަންޑާރަ ނައިބު އޮފީސް ނޫނީ ވަކީލުން އެދިގެން މައްސަލަތައް ކެންސަލްކުރަން ޖެހުން
  • ކަރެކްޝަންސްއާއި ފުލުހުން ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުނުކުރެވިގެން މައްސަލަަތައް ކެންސަލްކުރަން ޖެހުން
  • އުޅޭ ތަނެއް ނޭނގި ޗިޓު ހަވާލުނުކުރެވިގެން މައްސަލަަތައް ކެންސަލް ކުރަން ޖެހުން

ރިޒާ ވިދާޅުވީ އެ މައްސަލަ ހައްލުކުރެވޭނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށާއި އަދި އެ މަގަށް ވާސިލުވުމަށް މި އަހަރު ހާއްސަ ސަމާލުކަމެއް ދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ކޯޓުތަކުގެ މައްސަލަަތައް ކެންސަލްކުރެވިފައިވާ ތަފާސް ހިސާބު އިރާދަކުރެއްވިއްޔާ ކޮންމެ ތިން މަހަކުން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ރިޒާ ވިދާޅުވި އެވެ.