ގޭންގެއްގެ އިސް މީހަކު މެލޭޝިއާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފި
![](https://dhen.mv/wp-content/uploads/2025/02/WhatsApp-Image-2025-02-13-at-07.52.32_1fdb8e57-850x548.jpg)
މާލެ ތެރޭގައި މާރާމާރީ ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ ގޭންގެއްގެ އިސް މީހަކު މެލޭޝިއާ އިން ހައްޔަރުކޮށް ރާއްޖެ މިއަދު ގެނެސްފި އެވެ.
ފުލުހުން ބުނީ މާރާމާރީގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ފުލުހުން ހޯދަމުން ދިޔައީ ވައިކަންމަތި ގޭންގަށް ނިސްބަތްވާ ފުވައްމުލަކު/ދިގުނވާޑު، ބަނަފްސާގެ ހުސެއިން އަރީޝް (ނޮޑީ) /31އ ކަމަށެވެ.
އެނގިފައިވާ ގޮތުން ނޮޑީ މެލޭޝިއާ އަށް ދިޔައީ ރޭގެ ވަގުތެއްގަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގެ އެއާޕޯޓުން މެލޭޝިއާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
މެލޭޝިއާއިން އޭނާ ރާއްޖެ ފޮނުވާފައިވަނީ އެއާ އޭޝިޔާގެ AK074 އިން މިއަދު 10:15 ހާއިރު އެވެ.
މާލޭގައި މި ފަހުން ގޭންގު މާރާމާރީތައް ގިނަވެފައިވާއިރު އެ މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި އެ މީހުންނާ ގުޅޭ މައުލޫމާތު އަދި މިހާތަނަށް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.