އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ދައުލަތުގެ އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސް، މިއަދު ގެޒެޓްކޮށްފި އެވެ.
ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި 10 ވަނަ އިސްލާހުގައި ބުނާ ގޮތުން އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅޭނީ އީފާސް މެދުވެރިކޮށެވެ.
ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑިއެންއާރު) އެ ފަރާތުގެ މައުލޫމާތު، އީސީން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިގުރާރުވާން ޖެހޭނެ އެވެ.
މި ދޭތެރެއިން ނޭނގި ޕާޓީތަކަށް ވައްދާ މީހުންގެ މައްސަލަ ބޮޑުވެފައިވަނިކޮށް އީސީން ގެނައި އެ އިސްލާހުގައި ބުނީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 މަސް ދުވަސް ތެރޭގައ،ި އަލަށް އުފައްދަން ހުށަހަޅާ ޕާޓީއަށް ވަނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3,000 މީހުން ހަމަކުރަން ޖެހޭނެ ކަމަށެވެ.
އެ އަދަދަށް މީހުން ހަމަނުވާނަމަ ނުވަތަ އޮޅުވައިލައިގެން، ނުފޫޒު ފޯރުވައިގެން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ޕާޓީއަށް ވައްދައިފައިވާކަން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރާނެ އެވެ. ތަހުގީގަށް ފެނިގެން އެކަން އީސީން އަންގައިފިނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލުކުރެވޭނެ ކަމަށް ގަވާއިދުގައި ބުންޏެވެ.
