ޚަބަރު

ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވާލަން މިނިސްޓަރު ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިނިސްޓަރު ހަލީލު ތަގުރީރުކުރައްވަނީ-- ފޮޓޯ/ ފޮރިން މިނިސްޓްރީ

އދ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރުންނަށް ލިބިފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ގޮވާލައްވައިފި އެވެ.

Ads by Hajj Corporation

އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިފައި އޮންނަނީ އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދިި ފްރާންސްއަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގިނަ ބަޔަކު އަބަދުވެސް ބުނެ އެވެ.

މިއަދާއި މާދަމާ އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ ކަމުގައިވާ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ އދ. ސަލާމަތީ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހަދަން ޖެހޭ ކަމަށެވެ.

އަދި އެ ރާސްތާއަށް ދިއުމުގެ ގޮތުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބޭ ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށް ހަލީލު ގޮވާލެއްވި އެވެ.

ކޮންފަރެންސްގައި މިނިސްޓަރު އިތުރަށް ވަނީ 

  • ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އިސްކަން ދޭން ގޮވާލައްވައިފައި
  • އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތްކޮށް ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައި

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ އެ ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!