ފިހާރައެއްގެ ގުދަނުން ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫން ވަގަށް ނަގައިފި

ފުވައްމުލަކު ސިޓީގެ ފިހާރެއްގެ ގުދަނުން ގިނަ އަދަދެއްގެ ސިނގިރެޓް ކާޓޫން ވަގަށް ނަގައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނީ ފުވައްމުލަކުގެ ޔޫރޯ ސްޓޯރުގެ ގުދަނުން 130 އަށް ވުރެ ގިނަ ސިނގިރެޓް ކާޓޫން ވަގަށް ނަގާފައިވާ މައްސަަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބޮޑުކޮށްފައިވާ އިރު ސިނގިރެޓް ފޮއްޓެއްގެ އަގު މިހާރު ވަނީ 250އިން މައްޗަށް އަރައިފަ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ވަނީ 67 މިލިއަން ރުފިޔާގެ ސިނގިރެޓްއަށް ޑިއުޓީ ނުދައްކާ ބޮންޑެޑްވެއާ ހައުސްއަކުން ވަގަށް ބޭރުކުރި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ފެންމަތިވި މައްސަލައާ ގުޅިގެން ޑިއުޓީއަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކޯޓަށް ދާން އެޓާނީ ޖެނެރަލްގެ އޮފީހުގައި ކަސްޓަމްސްއިން މިދިޔަ ހަފުތާގައި ވަނީ އެދިފަ އެވެ.
