ދޮށީ މީހުންނަށް ސާޖިދާގެ އިލްތިމާސެއް؛ އަނެއް ޖީލަށް ތި ތަޖުރިބާ ގެންގޮސްދީ!

ދޮށީ އިސް ރަށްވެހިންގެ ތަޖުރިބާތައް އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
މާލޭގައި ގާއިމުކުރި ދޮށީ ރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުުރުމާ ގުޅިގެން މިއަދު ހަވީރު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސާޖިދާ ސިފަކުރެއްވީ އިސްރަށްވެހިންގެ ކޮންމެ މީހަކީ ވެސް އެތައް ތަޖުރިބާތަކެއް ހިމެނޭ މަސައްކަތްތެރި ކަމުގެ ހަޒާނާއެއް ގޮތަށެވެ. އީޖާދުތަކެއް ގެނެސްދިން ކާރުހާނާއެއް ގޮތަށެވެ.
"އެހެންކަމުން އަޅުގަނޑު އެދެނީ ތިޔަ ބޭފުޅުންގެ ތަޖުރިބާތައް ތިޔަ ބޭފުޅުން ދެކެވަޑައިގަތް ކަންކަމާއި ތަންތަނުގެ މައުލޫމާތު ޒުވާން ކުދިންނަށް ފޯރުކޮށްދެއްވުން. ވާހަކަތައް ކިޔައިދެއްވުމުން. މާމާ ކާފަ ދަރިންނަށް އެކަންކަން އުނގަންނައިދެއްވުން. އެއް ޖީލުން އަނެއް ޖީލަށް އެފަދަ ތަޖުރިބާތަކާއި ހަނދާންތައް ވާސިލްވުމަށް ދިއުން މުހިންމު ކަމެއް،" ސާޖިދާ ވިދާޅުވި އެވެ.
"އިސްރަށްވެހިންގެ ފަރާތުން ޒުވާނުންނާއި ކިޔަވާ ކުދިން، ޢިލްމީ ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަންނަންޖެހޭ. އަޅުގަނޑުގެ އުންމީދަކީ މި ނާދީއަކީ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރުކޮށްދޭ ފުރުސަތު ހުޅުވިގެންދާނެ ތަނެއްކަމުގައި ވެގެންދިޔުން." އެކަމަނާ އިތުރަށް ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑު ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.