ޚަބަރު ރައްޔިތުންގެ މަޖިލިސް

"ސަރުކާރުން ވަކި ގޮތެއް ބޭނުންވަންޏާ" ކާޑެއްދޫ ދޫކޮށްލަން ވެސް ތައްޔާރު: ވިލާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން އިގުތިސޯދީ ކޮމިޓީން ވިލާ އެއާގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް

ސަރުކާރުން ވަކި ގޮތެއް ބޭނުންވާ ނަމަ އެގޮތަކަށް އެއްބަސްވެ، ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމަށް ވިލާ އެއާއިން ތައްޔާރަށް އޮތް ކަމަށް އެ ގްރޫޕުގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އާ ގުޅިގެން އިގުތިސޯދީ ކޮމިޓީގެ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވިލާ އެއާގެ ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަމުން ދަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ. އެއާޕޯޓުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރުތަކާ އަދި އެ ނޫން ވެސް ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އޮތް ގުޅުން ރަނގަޅު ކަމަށާއި ކަންކަމުގައި މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑު ކައިރީ ވިދާޅުވި އެ ތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ދެ ފަހަރެއްގެ މަތިން. އަޅުގަނޑު ދެންނެވިން. އާދޭހޭ. އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަށޭ މި ތިބީ،"

އެ ވާހަކަތައް ދެކެވުނީ މީގެ ދުވަސްތަކެއް ކުރިން ކަމަށާއި ވިލާއިން ތިބީ އެ ވިސްނުމުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކަމުގައި ގާސިމް ވިދާޅުވި އެވެ.

މި ވަގުތު ކުންފުނީގެ ހާލަތު ހުރި ގޮތުންނާއި ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކާ ގުޅިގެން ފައިނޭންސް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް އޮތް ހިތްހަމަޖެހުމަކީ އެއާޕޯޓެއް ތަރައްގީ ކުރަން ބޭނުންވާ ސާމާނު ކުންފުނީގައި ހުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓެންޝަން އޮތީ އެކަން ކުރާ ގޮތަށް. އެހެންނަމަވެސް ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަނޑުމެން މި ތިބީ އެކަން އެ ފަރާތަކަށް ރީޒަނަބަލް ގޮތަކަށް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެ ތަން ދޫވެސް ކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް. އެއީ މިކަން އޮތް ގޮތަކީ،"

ގާސިމް އެހެން ވިދާޅުވިއިރު، މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފޮނުވި ސިޓީއަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ހިނގަމުންދާ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައިނުވާކަން ސިވިލް އޭވިއޭޝަނުން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެކަމަކު އެސެެސްމެންޓެއް ހަދާފައި ނެތަސް އެ އެއާޕޯޓުގެ ކަންކަން އޮތީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޮޑު އުއްމީދަކަށްވާއިރު، ސައުދު ދެކިވަޑައިގަންނަވާ ގޮތުގައި ވިލާއިން އެތަން އަތުލައިގެން ވިޔަސް މައްސަލައަށް ހައްލު ހޯދަން ޖެހެ އެވެ.

"ވާހަކަ ދައްކައިގެން ވިޔަސް ޝަރީއަތަށް ގޮސްގެން ވިޔަސް އެކަން ކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ" ވިލާ އާއެކު ހަދާފައިވާ އެގްރީމެންޓުގެ ދަށުން 7 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރަން ޖެހޭއިރު ވެސް ހަވާލުކުރި ވަރަށް ވުރެ ވެސް އެ ތަނުގެ ފެންވަރު ދަށްކަން ތަކުރާރުކޮށް ސައުދު ފާހަގަކުރެއްވި އެވެ.

"އެ ބޭފުޅުންވެސް [ވިލާ] ވިސްނުމެއް ނެތް އެ ތަން ތަރައްގީ ކުރާކަށް" އޭނާ ވިދާޅުވެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!