ޚަބަރު

ސިލްސިލާ މާރާމާރީ ރޭވުމުގައި އިސްކޮށް އުޅޭ މީހަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

މާލޭގައި މި ފަހުން ސިލްސިލާކޮށް ހިންގާ މާރާމާރީ ރޭވުމުގައި އިސްކޮޅު ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

އެ މައްސަލާގައި ހޯމަ ދުވަހު ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ޒުވާނެކެވެ.

އެ މީހާގެ ހައްޔަރާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ އެ މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރީތަކެއް ކަމަށެވެ.

މާރަމާރީތަކުުގެ ސަބަބުން އެކިމީހުންނަށް އެކި ވަރުގެ އަނިޔާއާއި މުދަލަށްވެސް ގެއްލުން ވެފައިވާ ކަމަށާއި، އެކަން އިތުރަށް ފުޅާވެ ތޫނު ހަތިޔާރސް ބޭނުންކުރަމުންދާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އަދި ހައްޔަރުކުރި މީހާ އަކީ މާރާމާރީތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ.

ސިލްސިލާ މާރާމާރީ ރޭވުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު، މި ފަހުން ހިންގަމުންދާ މާރާމާރީއާ ގުޅިގެން އިތުރު ބަޔަކުވެސް ހައްޔަރުކުރި އެވެ. އަދި ހައްޔަރުކުރި ބަޔަކު ދޫކޮށްލާފައިވެެސްވެ އެވެ.

އަދި މާރާމާރީއާ ގުޅިގެން މެލޭޝިޔާއަށް ގޮސް ހުއްޓާ އެ ގައުމުން އަނބުރާ ފޮނުވާލި މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ޏ. ފުވައްމުލައް، ދިގުވާނޑު، ބަނަފްސާގެ، ހުސައިން އަރީޝް (31އ) އެވެ. ފުލުހުން ބުނީ މީގެ ކުރިން 26 ފަހަރެއްގެ މަތިން އަރީޝް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ކުށުގެ ރިކޯޑްތައް:

  • މާރާމާރީގެ 15 ރެކޯޑެއް
  • މަސްތުވާތަކެތީގެ މައްސަލައިގެ 6 ރެކޯޑެއް
  • މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 3 ރެކޯޑެއް
  • ތޫނު ހަތިޔާރު ގެންގުޅުމުގެ 2 ރެކޯޑެއް

އެނގިފައިވާ ގޮތުން އަރީޝް އަކީ މާލޭ ގޭންގެެއްގެ އިސްމީހެކެވެ.