ދަރިންގެ ހަރަދު ކަނޑައެޅުން ފަނޑިޔާރަށް ދޫކޮށްލަން ޖެހޭ: ފެމެލީ ކޯޓު

ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭ އަދަދު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.
އާއިލާއާ ބެހޭ ގާނޫނުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު ދޭން ޖެހޭ އަދަދު ކަމަށް ކަނޑައަޅާފައިވަނީ 2،000ރ އެވެ. އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000ރ ދިނުމަށް ބުނެފައިވެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ހަރަދުގެ މައްސަލާގައި ކުރީގެ ކައިވެންޏަށް ކުރާ ހޭދަ ބޮޑުވެ މިހާރުގެ ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައި އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ކުއްޖެއްގެ ހަރަދަށް 16،500ރ ކޯޓުން ނަގައިދީފައި އެބަހުރި ކަމަށް މައުސޫމް ވިދާޅުވި އެވެ. އޭގެތެރޭގައި އަންނައުނަށާއި ސްކޫލާއި ޓިއުޝަން ފީ އާ ގުޅިގެން ނަގާ ހަރަދުތައް ހިމެނޭ ކަމަށެވެ.
"އަދަދެއް ކަނޑައެޅުމަށް ވުރެ ފަނޑިޔާރަށް އެ ބާރު ދޫކޮށްލަން ފެނޭ، ކުއްޖާގެ ހާލަތާއި ބައްޕަގެ އާމްދަނީއަށް ބަލައި،"
"އަދި މުޅި މައްސަލައަށް ހައްލު ހޯދުމުގައި އާއިލާތައް ދެމެހެއްޓޭނެ ގޮތްތައް ވެސް ބަލަން ޖެހޭ،" ހަރަދު ނުދެވޭ ސަބަބު ދެނެގަންނަން ޖެހޭކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ 20 އިންސައްތައަކީ ހަރަދު ހޯދަން އެދި ހުށަހަޅާ މައްސަލަތައް ކަމަށެވެ. އެއީ ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތުން ބޮޑު އަދަދެއްކަން އޭނާ ފާހަަގަކުރެއްވި އެވެ.
ހަރަދު ބޮޑުވެގެން ކައިވެނި ނުކުރެވި ހުންނަން ޖެހޭ ހާލަތާ ގުޅޭ ގޮތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރިކު ސުވާލުކުރުމުން މައުސޫމް ވިދާޅުވީ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގައި ދަތިތައް ހުންނަ ކަމަށާއި ކައިވެނީގެ މައުލޫމާތު ސެންޓްރަލައިޒް ކުރެވެން ޖެހޭ ކަމަށެވެ.
"ކައިވެނީގެ ރެޖިސްޓްރާއެއް ހުންނަން ވާނީ ހަމައެކަނި ފެމިލީ ކޯޓުގައި. މެޖިސްޓްރޭޓް ކޯޓުތަކުގައި ތިބުމުން ދަތިވޭ،"
ހަރަދުތައް ކަނޑައަޅަން ފަނޑިޔާރަށް ދޫކޮށްލަން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ދެކޮޅެވެ.
"އިތުރަށް ދޫނުދީ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ކުރަންވީ. އިންފްލޭޝަން މަތިވެ، ދިރިއުޅުމުގެ ހަރަދުތައް ދަނީ މައްޗަށް. ހަރަދު ނުދެވި އުމުރަށް ހުންނަން ޖެހުނަސް އެގޮތަށް ބާއްވަން ފެނޭ،"
ގަވާއިދު ތަންފީޒު ނުވާތީ ކަންބޮޑުވުން ފާޅުކުރަމުން އައްބާސް ވިދާޅުވީ އެކަނިވެރި މައިންގެ މައުލޫމާތު ރެކޯޑްކުރެވިފައި އޮންނަން ޖެހޭ ކަމަށެވެ.
ދަރިންނަށް ދޭން ޖެހޭ ހަރަދުތައް ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ފެމެލީ ކޯޓުން ބުނެފައިވާއިރު، ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް ކޯޓުތަކުން ވަނީ އާއްމުކުރަން ފަށާފަ އެވެ.