އަންހެނުންގެ ކޮމިޓީއަށް ރޯދަ އެލަވަންސްދޭން ފާސްކުރި ބިލު ތަސްދީގުކޮށްފި

ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުން ލާޒިމުވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.
އަދި މިއަދު ރައީސް މުއިއްޒު އެ ބިލު ތަސްދީގުކުރެއްވުމާ އެކު ރޯދަ އިނާޔަތާ ގުޅޭ އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުވެސް ކުރަން ފަށައިފަ އެވެ.
ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންމެ ލަސްވެގެން މާދަމާ ރޯދަ އެލަވަންސް ދޭން ފިނޭންސް މިނިސްޓްރީން އަންގާފައިވާ އިރު މާދަމާ ޑަބްލިއުޑީސީގެ މެމްބަރުންނަށް ވެސް ރޯދަ އެލަވަންސް ލިބޭނެކަމަށް ބެލެވެ އެވެ.
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ފައިސާއަކީ އިނާޔަތެއް ގޮތުގައި ބަޔާންކޮށްފައި އޮންނާތީ ރޯދަ އިނާޔަތް މީގެ ކުރިން ނުދެ އެވެ. އެއީ ވަޒީފާގެ ގާނޫނުގައި އޮންނަނީ ރޯދަ މަހުގެ އިނާޔަތެއް ގޮތަށް 3،000 ރުފިޔާ ދޭން ޖެހެނީ މުސާރައަށް މަސައްކަތްކުރާ ފުލްޓައިމް މުވައްޒަފުންނަށް ކަމެވެ.
މި ފެށޭ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީއަށް ރޯދަ އެލަވެންސް ހަމަޖައްސައިދެއްވާނެ ކަމަށް ހުސްވި ޑިސެމްބަރު މަހު އދ. ދަނގެތީގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ގާނޫނުގައި އޮންނަ "ޕޮއިންޓެއް" ނަގައިގެން ވަރަށް ބޭއިންސާފުކޮށް, ވަރަށް ނިކަމެތި ގޮތެއް ހަދާފައި އޮންނަ ކޮމިޓީތަކެކެވެ. އެހެން ނަމަވެސް އަންހެނުންނަކީ ރަށުގެ ތަރައްގީގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.