ޚަބަރު

ގޭންގުތަކުން ކެފޭތައް ހިސޯރުކޮށްގެން ތިބޭ މައްސަލަ އިތުރުވަނީ!

. ، ދެން އޮންލައިން
ފުލުހުންގެ އޮފިސަރަކު މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

ނުރައްކާތެރި ކުށްތައް ހިންގާ ގޭންގުތަކުގެ މީހުން ކެފޭ/ރެސްޓޯރެންޓްތައް ހިސޯރުކޮށްގެން ތިބޭ މައްސަލަ މި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ފުލުހުން ވަނީ ރޭ ހިއްސާކޮށްފަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ގޭންގް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރީންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ މި ފަހަކަށް އައިސް ގޭންގުތަކުގެ މީހުން އެކަކު އަނެއްކާ ބައްދަލުވާތަނެއްގެ ގޮތުގައި ކެފޭތައް ބޭނުންކުރަމުންދާ ކަމަށެވެ.

އަދި އެ މީހުން ގިނަ ވަގުތު ކެފޭތަކުގައި ތިބޭތީ އެކަމުގެ އުދަނގޫތައް ވާތީވެ ކެފޭތައް ހިންގާ ފަރާތުން ފުލުހުންނަށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށް އާރިފް ވިދާޅުވި އެވެ.

ކެފޭ/ރެސްޓޯރެންޓު އޯނަރުން ބުނޭ މި ޒާތުގެ [ގޭންގުތައް] މީހުން އައުން ގިނަ ކަމަށް، އާއްމުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް ހިސޯރުކޮށްގެން އުޅޭ ކަމަށް" އާރިފް ވިދާޅުވީ ގޭންގުތަކުގެ މީހުން ކެފޭގައި ތިބެނީ ވަކި ޓޭބަލްތަކެއް ރިޒާވްކޮށްގެން ކަމަށެވެ.

"އެ ޓޭބަލްގައި އާއްމު އެއްވެސް ބަޔަކު އިށީންދެގެން ތިބޭ ކަމަށްވަންޏާ އާއްމު ރައްޔިތުން މީހާ ދުރަށް ޖައްސާލާފައި އެ މޭޒު ނަގާ'' އެފަދަ ކަންކަން ފާހަގަކުރެވޭނަމަ އެކަން ފުލުހަށް އަންގަން އޭނާ އިލްތިމާސްކުރި އެވެ.

އަދި ގޭންގަކުން ކެފޭގައި ކުށެއް ހިންގަން އުޅޭ ކަމަށް ޝައްކުވާނަމަ އެކަން ހުއްޓުވައި، ކެފޭތަކުގެ ވެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިނެވެ.

މާރާމާރީތައް ހިންގާ ފަރާތްތައް ހައްޔަރުކޮށް އެ މީހުންނަށް ޖިނާއި ތަހުގީގު ހިންގަމުންދާކަން ފާހަގަކޮށް އާރިފް ހިއްސާކުރީ ފާއިތުވެދިޔަ 3 އަހަރުގެ ތަފާސް ހިސާބުތަކެވެ.

އެގޮތުން 2023 ވަނަ އަހަރު ގޭންގު ކުށްތަކުގެ މައްސަލާގައި 62 މީހަކު ހައްޔަރުކޮށްފައިވާއިރު ހުސްވި އަހަރު 114 އަދި މި އަހަރުގެ މިހާތަނަށް 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ތެރެއިން 2023 ވަނަ އަހަރު 56 މީހުންގެ އިތުރުން 2024 ވަނަ އަހަރު 51 މީހަކަށް ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

  1. ޙރަި

    ތިކަން ކުރޭ ފުލުހުންގެ އިސްފަރާތްތައްވެސް. ޢެކަން ރަގަޅުކުރުމަށް ބުނެލަން

  2. ފުލުހުންނަށް އެންގީމަ ކޮންކަމެއްވާނީ. ފިޔަވަޅެއް ނޭޅެންޏާ މީހުން ނާނަގާނެ.