މާލޭގެ އެކި ތަންތަނުން މަރުވެފައިވާ ކޮތަރުތައް ފެނުން ގިނަވެއްޖެ

މާލޭގެ އެކި ހިސާބުތަކުން ކޮތަރުތައް މަރުވެފައި އޮންނަ މަންޒަރު ފެނުން ގިނަވެ، ކޮތަރުތައް މަރުވާ ސަބަބުތައް ދެނެގަންނަން ޓެސްޓުކުރަން ސާމްޕަލް ނަގަން ފަށައިފި އެވެ.
މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް މި ހަފްތާ ފެންނަމުންދާތީ އެނިމަލް ވެލްފެއާގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކާއި އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން އެކްސްގައި ބުނީ ކޮތަރުތައް މަރުވާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން އޭގެ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
އަދި މިނިސްޓްރީން ކުރި ޕޯސްޓުގައި އެޓޭޗްކުރި ފޮޓޯތަކުން ފެންނަ ގޮތުން ކޮތަރުތަކުގެ ސާމްޕަލް ނަގާތަން ފެނެ އެވެ. ބެލެވޭ ގޮތުން މިއީ ލެބޯޓަރީ ޓެސްޓުތައް ކުރުމަށް ނެގި ސާމްޕަލްތަކެވެ.
މިނިސްޓްރީން ބުނީ ކޮތަރުތައް މަރުވާ ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެ ކަމަށެވެ.