ދަރިންގެ ހަރަދަށް ޒިންމާވާން ޖެހޭނީ ހަމަ އެކަނި ބަފައިންނެއް ނޫން: ފެމެލީ ކޯޓް

ކުއްޖާގެ ހަރަދުކަނޑައެޅުމަކީ ހަމައެކަނި ބަފައިންގެ މައްޗަށް އޮންނަ ކަމެއް ނޫން ކަމަށާއި، އެކަން އޮންނަން ވާނީ މަންމަ އާއި ބައްޕަ، ދެ މީހުންގެ މައްޗަށް ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
ދަރިންގެ ހަރަދުގެ ގޮތުގައި ބައްޕަ ދައްކަން ޖެހޭ ފައިސާގެ އަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފެމެލީ ކޯޓު ހިމެނޭ ގޮތަށް ކަމާބެހޭ އިދާރާތައް ވަނީ ބުރަސްފާތި ދުވަހު ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި މެންބަރުން ވަނީ ދަރިންގެ ހަރަދު ދިނުމާ ގުޅޭ ގޮތުން ފެމެލީ ކޯޓާ ގިނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އޭގެ ތެރެއިން އެއް މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފެމެލީ ކޯޓުގެ ރެޖިސްޓްރާ އަހުމަދު މައުސޫމް ވިދާޅުވީ ގާނޫނަށް ބަލާއިރު ކުއްޖާގެ ހަރަދު ދޭން ރިޔާއަތްކުރަން ޖެހެނީ ހަމައެކަނި އެ ކުއްޖާގެ ބައްޕަ އަށް ނޫން ކަމަށެވެ. ކުއްޖާގެ ރައްކާތެރިކަމާއި އެ ކުއްޖެއްގެ މަސްލަހަތައް ބަލާނަމަ ކުއްޖާއަށް ހަރަދު ދިނުމުގައި މަންމަ އާއި ބައްޕަ ހަމަހަމަވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތާގައި [ގާނޫނުގައި] ބައްޕަގެ ކަމެއް ނޫން އޮތީ، މައިންބަފައިންގެ ކަމެއް، ކުއްޖާގެ ބައްޕަ އަށް ހަރަދުގެ ހުރިހާ ކަމެއް ޖަހާލާފައި ދޫނުކުރެވޭނެ" މައުސޫމް ވިދާޅުވި އެވެ.
މިސާލެއް ދައްކަމުން މައުސޫމް ވިދާޅުވީ ބައްޕަ އަށްވުރެ މަންމަގެ ތަނަވަސްކަން ހުންނަ ފަހަރުތަކުގައި، ބައްޕައަށް އިތުރު ކައިވެންޏެއް ކުރިޔަނުދިނުމަށްޓަކައި ކުއްޖާގެ މަންމަ ކޯޓަށް މައްސަލަތައް ވައްދާ ކަމަށެވެ.
ފެމެލީ ކޯޓުން ތާއިދުކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދުގެ ބަދަލުގައި ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭ އަދަދު ކަނޑައެޅުމުގެ ބާރު ގާޒީއަށް ދޫކޮށްލުމަށެވެ.
މައުސޫމް ވިދާޅުވީ ހަރަދުގެ މައްސަލާގައި ކުރީގެ ކައިވެންޏަށް ކުރާ ހޭދަ ބޮޑުވެ މިހާރުގެ ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައި އެބަހުރި ކަމަށެވެ.
އެގޮތުން އެންމެ ކުއްޖެއްގެ ހަރަދަށް 16،500ރ ކޯޓުން ނަގައިދީފައި އެބަހުރި ކަމަށް މައުސޫމް ވިދާޅުވި އެވެ. އޭގެ ތެރޭގައި އަންނައުނަށާއި ސްކޫލާއި ޓިއުޝަން ފީ އާ ގުޅިގެން ނަގާ ހަރަދުތައް ހިމެނޭ އެވެ.
"ނަސަބާ މެދު ގޮތެއް ކަނޑައެޅުން މަދެއް ނޫން"
ފެމެލީ ކޯޓުގެ ތަފާސް ހިސާބުތައް ހިއްސާކުރަމުން މައުސޫމް ވިދާޅުވީ ކޯޓަށް ހުށަހެޅޭ ވަރީގެ މައްސަލަތަކުގެ ތެރެއިން ގިނައީ 40-30 އަހަރުގެ އުމުރުފުރާގެ މީހުން ވަރިކުރަން އެދި ހުށަހަޅާ މައްސަލަތައް ކަމަށެވެ.
އެއީ ކައިވެނީގެ ކުރީކޮޅުގައި ވަރިއާ ހަމަޔަށްދާ ކައިވެނިކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ އެ އުމުރުން ދަށުގެ ކައިވެނިތައް ރޫޅޭ އަދަދު ނިސްބަތުން ދަށް ކަމަށެވެ.
އެހެންވެ ފަހުގެ ކައިވެނިތައް ކުރާއިރު ކައިވެންޏެއް ކުރުމަށްޓަކައި ގާނޫނު ގައި ބަޔާންކޮށްފައިވާ ކަންކަން އިތުރުން ބަލަންޖެހޭ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނިފައެއް ނެތް ދުނިޔޭގެ އެއްވެސް ގައުމެއްގައި ރާއްޖެއަށްވުރެ ފަސޭހައިން ކައިވެނިކުރެވޭނެ ގައުމެއް، ރާއްޖެ ނޫނީ އެހާ ފަސޭހައިން ވަރި ކުރެވޭ ގައުމެއްވެސް ނެތް" މައުސޫމް ވިދާޅުވީ ކައިވެންޏެއް ކުރުމުގެ ކުރިން ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ކަނޑައެޅި ކަމަށާއި އެކަމަކު އެއީ އުދަނގޫ ކަމަކަށްވެ، ބައެއް މުއައްސަސާތަކުން ޝަކުވާ ލިބެން ފެށުމުން އެކަން ހުއްޓާލަން ޖެހުން ކަމަށެވެ.
އޭގެ ނަތިއްޖާއެއްގެ ގޮތުން މައުސޫމް ވިދާޅުވީ މި ފަހަކަށް އައިސް ކުއްޖާގެ ނަސަބާމެދު ގޮތެއް ކަނޑައަޅައިދޭން ކޯޓަށް ހުށަހަޅާ މައްސަލަތައް އިތުރުވުމެވެ.
"ވަރަށް ޅަފަތުގެ ކައިވެނިތަކުގައި ކުއްޖާގެ ނަސަބާމެދު ގޮތެއް ކަނޑައަޅައިދޭން އަންނަ މައްސަލަތައް މަދެއް ނޫން" މައުސޫމް ވިދާޅުވި އެވެ.
އިނދެ ވަރިކުރުމަކީ އެމީހަކަށް އިތުރު މީހަކާ ކައިވެނި ނުކުރެވެންވީ ސަބަބެއްނޫން ސަރުކާރުން ދޭ ޢިނާޔަތް ކަނޑާލަންޖެހޭ ސަބަބަކީ ވަރިވުމަށްފަހު ބައްޕަ ކަރަދު ނުކުރާކަން