ޒަކިއްޔާގެ މަރުގެ މައްސަލަ: އެޗްއާރްސީއެމުން ތަހުގީގު ފަށައިފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި އެ ރަށު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އަދި އާއިލާގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއްވެސް ކުރެ އެވެ.
އެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރެ އެވެ.
އެގޮތުން އިއްޔެވެސް ރަށު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އިހުތިޖާޖުކޮށް، މަރަށް އިންސާފޯ ހޯދައިދޭން ގޮވާލައިފައިވާއިރު ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެޗްއާރްސީއެމުން ބުނީ، ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މައްސަލައިގެ ތަހްގީގު ކުރިއަށްދާގޮތާ މެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ބެލުމަށް މިމައްސަލަދަނީ ތަހްގީގްކުރަމުންނެވެ
މައްސަލައާ ގުޅުންހުރި މައުލޫމާތާއި ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތައް ދިރާސާކުރަމުންދާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފުރަތަމަ ފެނުނީ އެ ކުނި ނަގަން ދިޔަ ބަޔަކަށެވެ.
ފުލުހުންގެ ތަހުގީގަށް ފާހަގަވި ކަންކަން:
- އާއްމު އުސޫލުން އެ ދުވަހު (ސެޕްޓެމްބަރު 10) ވެސް ޒަކިއްޔާ، މާމަ ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމުގައި ހަރަކާތްތެރިވި
- ގޭތެރޭގައި ޒަކިއްޔާ މަސައްކަތުގައި އުޅުނުކަން ތަހުގީގަށް ދެނެގަނެވިފައިވޭ
- ޒަކިއްޔާ ކުނި ބާލިދީ, ގޭތެރެއިން ބޭރަށް ނެރުނު މަންޒަރު ގޭގައި އުޅުނު 16 އަހަރުގެ ކުއްޖަކަށް ފެނުނު. އެ ގަޑީގައި ކުނި އުކާލާފައިވާކަން ތަހުގީގަށް އެނގިފައިވޭ
- ޒަކިއްޔާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހު 8:40 ގައި އޭނާގެ ޅީ ދަރިފުޅަށް/ އެ ގަޑީގައި މާމަ ދަރިފުޅު ބަލައިދޭން އެދިފައިވާކަންވެސް ތަހުގީގަށް އެނގިފައިވޭ
- 9:19-9:40 ދެމެދު ގޭގައި އުޅޭ އާއިލާ މީހުންނަށް ޒަކިއްޔާގެ ހަބަރެއް ވެފައިނުވޭ
- 9:53 ކުނި ނަގަން އުޅުނު ބަޔަކަށް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ކަމަށް ސީސީޓީވީ ފޫޓޭޖްގެ އެހީގައި ފުލުހުންނަށް ދެނެގަނެވިފައިވޭ
- ޒަކިއްޔާގެ މަރުގެ ހާދިސާ ލިބުމާ ހަމަޔަށްވެސް ގޭތެރޭގައި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު(30އ) އަހަރާއި ޒަކިއްޔާގެ ފިރިމީހާ އުޅުނު.
- ޒަކިއްޔާގެ ކަރުގެ ދެ ފަރާތަށް ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ޒަހަމްތަކެއް ފެންނަ ހުރި. ނަމަވެސް އެއީ ތޫނު އެއްޗެއް ހަރާލައިގެން ލިބުނު ގެއްލުމެއް ކަމަކަށް ނުބެލެވޭ.
- ކަރުގެ މެދާއި ދިމާލަށް ތިލަކޮށް ޒަހަމެއް ހުރިކަން ފާހަގަކުރެވޭ، ނަމަވެސް ހަށިގަނޑުގެ އެ ނޫންތަނަކަށް އަނިޔާއެއް ލިބިފައިވާކަން ފާހަގައެއް ނުކުރެވޭ
- "ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަހަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ ހެސިޓޭޝަން މާކު ކަމަށް،" ފުލުހުން ބުނެފައިވެ އެވެ.
- ކަރުގެ ކަނާއަތްފަރާތުގައި ހުރީ 9 ސެންޓިމީޓަރާއި 7 ސެންޓިމީޓާރުގެ ދެ ޒަހަމް. ވާއަތްފަރާތުގައި ހުރީ 4 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާއި 7 ސެންޓިމީޓަރުގެ 3 ޒަހަމްކަން.
ފުލުހުން ހިންގާ ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީވެސް ދަނީ ހޯދަމުންނެވެ.
އެކަމަކު އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.