ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓު ތަރައްގީ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހުސްވި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފައިނު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްގެ އިތުރުން އިގުތިސޯދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.
ވުމާ އެކު އެއާޕޯޓު އެޅުމުގެ މަސައްކަތް މި މަހު އެމްޓީސީސީ އާ ހަވާލުކުރަން ނިންމާފައިވާކަން ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ.
އެމްއޭސީއެލުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޓީސީސީ އާއެކު ފައިނު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފަ އެވެ. މަޝްރޫއަކީ ރ. އަތޮޅުގެ ދަތުރުފަތުރާއި ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓެއްކަން ފާހަގަކޮށްފައިވެ އެވެ.
އެމްއޭސީއެލުން ބުނީ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރަން އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ކޮންގްރެސް ޕާޓީގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރ. އަތޮޅުގައި ޓޫރިޒަމް ތަރައްގީވެ، ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ހަބަކަށް އެ އަތޮޅު ވެގެންދާއިރު، އެއާޕޯޓުގެ ސަބަބުން އިގުތިސޯދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޓީސީސީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުގައި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާނެ ކަމުގެ ޔަގީންކަންދޭ ކަމުގަ އެވެ.
އެމްޓީސީސީން ވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިންމު ކަމާއި އެކަމަށް އެ ކުންފުނިން މަސައްކަތްކުރާނެކަން ފާހަގަކޮށްފަ އެވެ.
ފައިނު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ އެއާޕޯޓު އަޅާ ސަރަހައްދަކީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކޮށްފައިވާ ސަރަހައްދަކަށްވާތީވެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ކަންކަން ކުރިއަށް ގެންދިޔައީ އެއާޕޯޓު އެޅުމަށް ހުރަސް އެޅުމުގެ ގޮތުންކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެންމެ ކުޑަ ހަރަދެއް ކޮށްގެން ކުރެވޭނެ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް ފެނާއި ނަރުދަމާ ނުހުއްޓި، ހިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ތަރުތީބުކޮށްގެން ވަރަށް އޮމާންކޮށް މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓު އެޅިގެން ދިޔުމަކީ އެ ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާ އަދި އެކަމުން ޓޫރިޒަމް އިންޑަސްޓްރީއަށް އިތުރު ކުރިއެރުމެއް ވެސް ލިބޭނެ ކަމުގަ އެވެ.
ފައިނުގައި އެއާޕޯޓެއް އެޅުމަށް ރައީސް ނިންމެވީ ހުސްވި އަހަރުގެ މާޗު މަހު ނެރެއްވި ގަރާރަކުންނެވެ.
އެ ގަރާރަކީ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުށް ނެރެފައިވާ ގަރާރެކެވެ.
އިސްލާހުތަކާ އެކު އާންމުކުރި ގަރާރުގައި ބުނެފައި ވަނީ، އިގުތިސޯދަށް ނަފާ ހޯދުމަށް ޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް ގާއިމުކުރަން ނިންމާފައިވާއިރު، އެ ތަންތަނުގެ އެންމެ ކުޑަ އިންވެސްޓްމަންޓުގެ އަދަދަށް ރައީސް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން ފައިނު ހިމެނޭ ގޮތަށް 9 ސަރަހައްދެއްގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އިންވެސްޓްމަންޓުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި 5،000،000 މިލިއަން ޑޮލަރު ވަނީ ހިމަނުއްވާފަ އެވެ.