ރޯދަ މަހު ސްޓެލްކޯގައި ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން ނުޖެހޭނެ: ފަހުމީ

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ ކުންފުނީގައި ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން ނުޖެހޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ހޫނު މޫސުމާ އަދި ކުރިއަށް ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގައި 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ މިހާރު އެ މަސައްކަތް ފަށައިގެން ހިނގަމުންދާ ކަމަށެވެ. މަސައްކަތް ފެށުން ލަސްވާން މެދުވެރިވީ އެ ކަމަށް ބޭނުންވާ ބިން ލިބުމުގައި ދިމާވި ދަތިކަމާ ހުރެ ކަމަށެވެ. ބިން ހަމަޖެހުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމުގައި ފާހަގަކުރެއްވި އެވެ.
ބިން ހަމަޖެހުނުއިރު، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް އެ ކުންފުނިން ވެފައިވާ ކަމަށެވެ. އެގޮތުން ބޭނުންވާ އިންޖީނާއި ޓްރާންސްފޯމަރާ އަދި ކޭބަލް ސްޓެލްކޯގައި ހުރި ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި ރޯދައިގެ ކުރިން ހިދުމަތްދޭން ފަށާނެ ކަމަށެވެ.
"ރޯދަ މަހު އަޅުގަނޑުމެންގެ އަތުގައި ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،" ފަހުމީ ފާހަގަކުރެއްވި އެވެ.
ޓެކްނިކަލް މައްސަލައެއް މެދުވެރިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުން ފިޔަވައި ސްޓެލްކޯއިން ދެމުން އަންނަ ހިދުމަތަށް ބުރުލެއް ނާރުވައި މާލެ ސަރަހައްދުގެ އާންމުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން އަންނަނީ އއ. އަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުންނެވެ. މާމިގިލި ފިޔަވައި އދ. އަތޮޅުގެ ހުރިހާ ރަށަކަށް އަދި ހުރާ ފިޔަވައި ކ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހިދުމަތް ފޯރުކޮށްދެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ރަށްތަކުގައި ރޯދަ މަހާ ދިމާކޮށް ދުރާލައި ތައްޔާރީތައް ވެފައިވާ ކަމުގަ އެވެ. ރެޔާއި ދުވާލު ހިދުމަތުގައި ދެމިތިބޭނެ ކަމަށާއި ކަރަންޓު ކެނޑިގެން އާންމުންނަށް ދަތިވާނެ ހާލަތެއް އަޔަނުދެއްވާނެ ކަމުގަ އެވެ.