ޚަބަރު ވިޔަފާރި

ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގު ދަށަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބާޒާރުގައި މީހަކު ތަކެތި ވިއްކަނީ / ފޮޓޯ:ދެން އިމޭޖްސް

ރޯދަ މަހަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި މާލޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ފިޔާ އަދި ބިހުގެ އަގަށެވެ.

Ads by STELCO

ނިމިދިޔަ ހަފުތާގައި މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 20 އާއި 30 ރުފިޔާއާ ދެމެދުގައި ހުރި ނަމަވެސް، މިހާރު މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެނީ 18 ރުފިޔާއަށެވެ.

ކުކުޅު ބިހުގެ އަގު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފަ އެވެ. ކުރިން 2.50 ރުފިޔާއަށް ވިއްކަމުންދިޔަ ކުކުޅު ބިސް މިހާރު ގިނަ ފިހާރަތަކުން ލިބެނީ ދެ ރުފިޔާއަށެވެ. 

އަގު ދަށްވެފައިވާ މުހިންމު ތަކެތީގެ ތެރޭގައި ކާށި ވެސް ހިމެނެ އެވެ. މީގެ ކުރިން ދަތުރުވެރިންގެ މާރުކޭޓުގައި 10 އާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ވިއްކަމުންދިޔަ ކާށި، މިހާރު ވިއްކަމުންދަނީ އެންމެ ފަސް ރުފިޔާއަށެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ހާއްސަ ސަމާލު ކަމެއް ދޭނެކަން އިއުލާނުކޮށްފަ އެވެ. މިކަމަށްޓަކައި އެސްޓީއޯއާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ރޯދަ މަހު އަގު މެނޭޖު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ، ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސިޔާސަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވާލާފައިވާނެ ކަމަށެވެ. އެގޮތުން އާންމު ގޭބިސީއެއްގައި ބޭނުންކުރާނެ ހުރިހާ ބާވަތެއްގެ މުދާ ލިސްޓުކޮށް އެއިން އެންމެ އަސާސީ މުދާ ވެސް ދެނެގަނެފައިވާނެ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެއިން ބާވަތެއްގެ އަގު މާ ބޮޑަށް އުފުލިގެންދާނަމަ ސަރުކާރުން ބާޒާރުގެ ތެރެއަށް ވަދެ އަގު މެނޭޖު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"183 އައިޓަމްގެ މައްޗަށް އެކުލެވޭ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ހާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލްސް އައިޓަމްްސްގެ ގޮތުގައި ކަނޑައަޅާފައި، އެއިން އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާ ނަމަ، ސަރުކާރުން މާކެޓަށް އިންޓަވީން ކުރާނެ،"

އެސްޓީއޯއިން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ އަސާސީ ތަކެތި އެތެރެކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި:

  • ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު
  • ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ
  • ޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކްރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ

މި ހުރިހާ ތަކެއްޗެއް ވެސް އެސްޓީއޯއިން ވިއްކަމުންދާނީ އާންމު ބާޒާރުގެ އަގަށް ވުރެ ހެޔޮ އަގެއްގައި ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެ އެވެ.