ޚަބަރު

ޒަކިއްޔާގެ މަރު ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ އެންއައިސީން ބަލަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ކިޔުންތެރިއެއް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

Ads by STELCO

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އަދި އާއިލާގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއްވެސް ކުރެ އެވެ. އެކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން އިއްޔެ ޕޮލިސް ސްޓޭޝަން ދޮށަށްވެސް އެއްވި އެވެ. އަދި މިއަދު ކައުންސިލު އިދާރާ ކުރިމަތީގައިވެސް އިހުތިޖާޖު ކުރި އެވެ.

ރައްޔިތުން އެކަންބޮޑުވުން އޮތަތީވެ އެންއައިސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ މައްޗަށް ރަށު ރައްޔިތުން ސީރިއަސް ތުހުމަތުތަކެއް ކުރާތީވެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.

".. ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ދިވެހި ފުލުހުން އަމަލުކޮށްފައިވޭތެ ބެލުމަށް ކޮމިޝަނުން ނިންމާފައިވެ އެވެ" އެންއައިސީން ބުންޏެވެ.

އެންއައިސީ އަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ މިއަދު ބުނެފަ އެވެ.

ފުލުހުންގެ ތަހުގީގަށް ފާހަގަވި ކަންކަން:

  • އާއްމު އުސޫލުން އެ ދުވަހު (ސެޕްޓެމްބަރު 10) ވެސް ޒަކިއްޔާ، މާމަ ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމުގައި ހަރަކާތްތެރިވި
  • ގޭތެރޭގައި ޒަކިއްޔާ މަސައްކަތުގައި އުޅުނުކަން ތަހުގީގަށް ދެނެގަނެވިފައިވޭ
  • ޒަކިއްޔާ ކުނި ބާލިދީ, ގޭތެރެއިން ބޭރަށް ނެރުނު މަންޒަރު ގޭގައި އުޅުނު 16 އަހަރުގެ ކުއްޖަކަށް ފެނުނު. އެ ގަޑީގައި ކުނި އުކާލާފައިވާކަން ތަހުގީގަށް އެނގިފައިވޭ
  • ޒަކިއްޔާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހު 8:40 ގައި އޭނާގެ ޅީ ދަރިފުޅަށް/ އެ ގަޑީގައި މާމަ ދަރިފުޅު ބަލައިދޭން އެދިފައިވާކަންވެސް ތަހުގީގަށް އެނގިފައިވޭ
  • 9:19-9:40 ދެމެދު ގޭގައި އުޅޭ އާއިލާ މީހުންނަށް ޒަކިއްޔާގެ ހަބަރެއް ވެފައިނުވޭ
  • 9:53 ކުނި ނަގަން އުޅުނު ބަޔަކަށް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ކަމަށް ސީސީޓީވީ ފޫޓޭޖްގެ އެހީގައި ފުލުހުންނަށް ދެނެގަނެވިފައިވޭ
  • ޒަކިއްޔާގެ މަރުގެ ހާދިސާ ލިބުމާ ހަމަޔަށްވެސް ގޭތެރޭގައި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު(30އ) އަހަރާއި ޒަކިއްޔާގެ ފިރިމީހާ އުޅުނު.
  • ޒަކިއްޔާގެ ކަރުގެ ދެ ފަރާތަށް ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ޒަހަމްތަކެއް ފެންނަ ހުރި. ނަމަވެސް އެއީ ތޫނު އެއްޗެއް ހަރާލައިގެން ލިބުނު ގެއްލުމެއް ކަމަކަށް ނުބެލެވޭ.
  • ކަރުގެ މެދާއި ދިމާލަށް ތިލަކޮށް ޒަހަމެއް ހުރިކަން ފާހަގަކުރެވޭ، ނަމަވެސް ހަށިގަނޑުގެ އެ ނޫންތަނަކަށް އަނިޔާއެއް ލިބިފައިވާކަން ފާހަގައެއް ނުކުރެވޭ
  • "ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަހަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ ހެސިޓޭޝަން މާކު ކަމަށް،" ފުލުހުން ބުނެފައިވެ އެވެ.
  • ކަރުގެ ކަނާއަތްފަރާތުގައި ހުރީ 9 ސެންޓިމީޓަރާއި 7 ސެންޓިމީޓާރުގެ ދެ ޒަހަމް. ވާއަތްފަރާތުގައި ހުރީ 4 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާއި 7 ސެންޓިމީޓަރުގެ 3 ޒަހަމްކަން.

ފުލުހުން ހިންގާ ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީވެސް ދަނީ ހޯދަމުންނެވެ.

އެކަމަކު އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.