ޚަބަރު

ކުޑަހުވަދޫގައި ގެ ނޭޅި ތިބި މީހުންނަށް ސަރުކާރުން ގެ އަޅައިދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ކެރި ފޯރުންތެރިކަން ނެތުމުގެ ސަބަބުން ދ. ކުޑަހުވަދޫގައި ގެ ނޭޅި ތިބި މީހުންނަށް ސަރުކާރުން ގެ އަޅައިދޭނެ ގޮތެއް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

Ads by STELCO

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިން ޔުނިޓްތައް އަޅަން ސަރުކާރުން ނިންމާފައިވާ އިރު ކުޑަހުވަދޫގައި ސަރުކާރުން ޕްލޭންކޮށްފައި އޮތީ 500 ހައުސިން ޔުނިޓް އެޅުމަށެވެ.

މިރޭ ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޑަހުވަދޫގެ ރައްޔިތުން ރުހި ގަބޫލުވާނަމަ އެ މަޝްރޫއުގެ ތެރެއިން ގެ ނޭޅި ތިބި މީހުންނަށް ވެސް ގޮތެއް ހޯދައިދެވޭނެ ކަމަށެވެ.

ކުޑަހުވަދޫގެ ހިއްކި ބިމާއި އެހެނިހެން ތަންތަނުން އެ ރަށުގެ ރައްޔިތުންނަށް ގިނަ އަދަދެއްގެ ގޯތި ލިބިފައި އޮތް ނަމަވެސް އާމްދަނީ ހުރި ގޮތުން އެ ގޯތިތަކުގައި ގެ އަޅަން ދަތިކަން ހުރިކަން ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ ރައީސް ހުށަހެޅުއްވީ ކުޑަހުވަދޫގައި އަޅާ 500 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ގޯތިގައި ގެ އަޅަން ބޭނުންވާ ރައްޔިތުންނަށް ހާއްސަކުރުމަށެވެ.

"އަޅުގަނޑުމެން މި 500 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތި ބޭފުޅުންގެ ގޯތީގައި ގެއެއް އަޅައިދޭން. އެ އަޅައިދޭން ކަނޑައަޅާ އަދަދު ކަނޑައަޅައިފައި ބާކީވާ އަދަދު އަޅުގަނޑުމެން ފްލެޓް މަޝްރޫއެއްގެ ގޮތުގައި އަޅާނީ" ރައީސް ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ތަރައްގީގެ ސިޔާސަތުގައި އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ ގެދޮރުވެރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ ރަށަށް އިތުރު ހައުސިން މަޝްރޫއުތައް ގެނެވޭނެ ކަމަށެވެ.

"މިގެ އިތުރުން މުޅި ރާއްޖެއަށް ވެސް ހުޅުވާލައިފައި އޮތް ސްކީމް ވެސް އެބައޮތް. ތި ބޭފުޅުންނަށް ވެސް ކުރިމަތި ލެވޭ ސްކީމް އެއީ. އިސްލާމިކް މޮޑެލްގެ ދަށުން ފަސް ޕަސެންޓުގެ ލޯން ސްކީމެއް އެއީ ވަރަށް ލުއިގޮތެއްގައި ނެގޭ ލުއި ލޯނެއް އެއީ. މިރަށް ވެއްޖިއްޔާ ތިން މިލިއަންއާ ހަމައަށް އެ ލޯނު ނެގޭ. ނަގައިގެން އަމިއްލަ ގޯތީގައި ގެދޮރު އެޅޭނެ. އެއީ ސަރުކާރުގެ ލޯނު ސްކީމެއް،" ރައީސް ވިދާޅުވި އެވެ.

އެ ލޯނު ސްކީމު ހިންގުމަށް އެއް ބިލިއަން ރުފިޔާ އޮތީ މި އަހަރުގެ ބަޖެޓުގައި ކަނޑަވެސް އަޅައިފަ އެވެ.