ބިލުތައް ބޮޑުކުރާކަށް ނޫޅެން، މި ފަހަރު ވެސް ދޭނީ ޑިސްކައުންޓް: ރައީސް

ހިލޭ މަސްދަޅު ކޭސް ބެހުމަށް ހޭދަވި ހަރަދުތައް ފޫބެއްދުމަށް ކަރަންޓު ފެން ބިލު ބޮޑުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މި ފަހަރުގެ ރޯދަ މަހު ވެސް ކުރީ އަހަރެކޭ އެއް ގޮތަށް ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ޓަކައި ނިންމާ ނިންމުންތައް ތަންފީޒުކުރާތީ އެ ހަސަދައިގައި އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ހިލޭ މަސްދަޅު ކޭސް ބަހާތީ ފުރަތަމަ ފެތުރި ދޮގަކީ ދަޅުގައި މަސް މަދުކޮށް ބަހަން އުޅޭ ވާހަކަ އެވެ. މަސްދަޅު ކޭސް ރައްޔިތުންނަށް ލިބެން ފެށުމުން އެ ދޮގު ފަޅައި އެރުމުން މިހާރު ފަތުރާ ދޮގަކީ އެ ކަމަށް ދިޔަ ހަރަދު ފޫބެއްދުމަށް ކަރަންޓާއި ފެން ބިލުން އެ ބައި ހޯދާނެ ކަމަށް ދެކެވޭ ވާހަކަ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ހިލޭ މަސްދަޅު ކޭސް ބެހުމަށް ކުރި ހަރަދު ފޫބައްދަން ކަރަންޓު ފެން ބިލު އިތުރުކޮށްގެން ހިމަނަން އުޅޭ ވާހަކަ ފަތުރަން ފެށީ. ނޫން. އަޅުގަނޑުމެން މި ފަހަރު ވެސް ރޯދަ މަހު ކުރީ އަހަރެކޭ އެއް ގޮތަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނެ. ދެން ކިހިނެއް ބޮޑުވުން ތެދަކަށް ވާނީ؟" ރައީސް ވިދާޅުވި އެވެ.
ޔުޓިލިޓީ ބިލުތަކުން މިދިޔަ ފަހަރު ފުރަތަމަ ޑިސްކައުންޓް ދިން ގޮތުން، ޑިސްކައުންޓް ލިބުނީ ރޯދަ މަހުގެ މަދު ދުވަސްތަކެއް އައި މީލާދީ މަހަށެވެ. ނަމަވެސް ފަހުން ސަރުކާރުން އަންގައިގެން ދެން އޮތް މަހަށް ވެސް ޑިސްކައުންޓްދީ، ކުރިން ކަރަންޓު ބިލު ދެއްކި ފަރާތްތަކަށް ރީފަންޑު ވެސް ދިނެވެ.