ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރަން އެމްޕީއެލަށް

ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް، އެ ބަނދަރު ހިންގުން މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) އަށް ހަވާލުކޮށްފި އެވެ.
ކުޑަހުވަދޫއަކީ އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް، އެ ބަނދަރު ހިންގުން އެމްޕީއެލް އާ ހަވާލުކޮށްފައި ވަނީ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
އެމްޕީއެލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏާ ހަވާލުކޮށްގެން ކުޑަހުވަދޫގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްސް ކަމަށެވެ. މި ބަނދަރާ އެކު، ކުޑަހުވަދޫ މުސްތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ، އިގުތިސޯދީ ގޮތުން ކުރިއެރުންތަކެއް ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމަށެވެ.
އިތުރަށް ބުނީ ރަށުގައި ވިޔަފާރި ބަނދަރު ތަރައްގީކުރާނީ ބަނދަރުގެ އެކި ހިދުމަތްތައް ލިބޭ ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުޑަހުވަދޫގައި ބޮންޑެޑް ވެއާހައުސް ހަދައި، އިތުރު ހިދުމަތްތައް ތައާރަފުކުރުމަކީ އެ ކުންފުނީގެ ވިސްނުމެއްކަން ފާހަގަކޮށްފައިވެ އެވެ.