ފަނޑިޔާރުންގެ ބިލު، ހަތިޔާރެއްގެ ގޮތުގައި ސިފަކުރުމުން، އަބްދުއްރަހީމްގެ ނުރުހުން

ރައްްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލީސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ބަލައިނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފަ އެވެ. އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ.
އަމިއްލަ ގޮތުން ސައްތާރު ހުށަހެޅުއްވި ބިލާމެދު އިދިކޮޅު އެމްޑީޕީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމެވެ. އަދި އެކަމާ ދެކޮޅަށް އިދިކޮޅު މެންބަރުންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ބޭނުންވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަންށެވެ. އެއީ އެ ރިޕޯޓުގައި ޖުޑިޝަރީގެ ވެރިންގެ މުސާރަތައް ކުޑަކުރުމާ ގުޅޭ ވާހަކަވެސް އޮތުމުންނެވެ.
މަޖިލީހުގެ ދުސްތޫރީ މައްސަލަ އެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެ ކޯޓުގެ ދެ ފަނޑިޔާރުން މަދުކުރުމަކީ ސީދާ ރައީސް އަންގަވައިގެންކުރާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް ބިލު ހުށަހެޅީ" މީކާއިލް ވިދާޅުވި އެވެ. މީކާއިލްގެ ތުހުމަތުތަަކަށް ޖަވާބު ދެއްވަމުން ރިޔާސަތުން ވިދާޅުވީ އެމަނިކުފާނަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ.
"އަޅުގަނޑު މިހިރީ މިނިވަންކަމާއެކު... އަޅުގަނޑަށް އެއްވެސް ކަމަކަށް ހުރަހެއް ނެތް" އަބްދުއްރަހީމް އެދިވަޑައިގެންނެވީ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.
މައުލޫއިން ބޭރުން މީކާއިލް ވާހަކަ ދައްކަވާތީ ނިޒާމީ ނުކުތާއެއް ނަންގަވައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. ގާސިމް ރިޔާސަތުގައި އެދިވަޑައިގެންނެވީ އެހެން މެންބަރުންގެވެސް މަސްލަހަތަށް އިސްކަން ދެއްވުމަށެވެ.
ގާސިމްގެ ވާހަކައަށް ފަހު ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވީ މީކާއިލް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބަލައިނުގަންނަ ކަމަށެވެ. އަދި ދެއްކެވި ވާހަކަވެސް ބަލައިނުގަންނަ ކަމަށެވެ.
"އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލުމެއް ނޫން. މަޖިލީހަކީ މުތުލަގަށް ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލު ގެނެސް ގާނޫނު ހަދާ، ގާނޫނުތައް އިސްލާހު ކުރުމުގެ ބާރު އޮންނަ މަޖިލީހެއް. މަޖިލީހަށް ބިލެއް [ފަނޑިޔާރުން މަދުކުރާ ބިލު] ހުށަހެޅުން އެއީ މަޖިލީސް ހަތިޔާރަކަށް ބޭނުން ކުރުމޭ ވިދާޅުވުން ބަލައިނުގަނެވޭނެ" ރިޔާސަތުގައި އިންނެވި ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.