ލ. ގަމުން އެއްލައްކަ އަކަފޫޓުގެ ބިމެއްގައި އެޗްޑީސީން ނާސަރީއެއް ތަރައްގީ ކުރަނީ

ލ. ގަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނާސަރީއެއް ތަރައްގީ ކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެ ރަށުން ހަމަޖައްސައިފި އެވެ.
ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ގަމަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ރަށުގެ ކައުންސިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
ނާސަރީ ގާއިމުކުރުމަށް ހަމަޖައްސާފައި ވަނީ އެއްލައްކަ އަކަފޫޓުގެ ބިމެކެވެ. އިއްޔެގެ ދަތުރުގެ ތެރެއިން މައުރޫފް ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ބިން ބައްލަވާލައްވާފަަ އެވެ.
އެޗްޑީސީން މިއަދު ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެ ކުންފުނިން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރެވޭ ނާސަރީއެއް ކަމަށެވެ.
ހުޅުމާލޭގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުން ކުރާނެ ކަމަށެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާ އެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި އެ ކުންފުނިން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
މި ޕްރޮގްރާމާ އެކު ހުޅުމާލެ ހިމެނޭހެން އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އަމާޒަކީ އެ ކުންފުނީގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުންކަން އެޗްޑީސީން ފާހަގަކުރެ އެވެ.